އެމްޑީޕީގެ ރައީސް ކަންކުރެއްވި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީ މިވަގުތު މިދަނީ އުނދަގޫ ދުވަސް ތަކެއް ތަޖުރިބާ ކުރަމުން
ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެކަމީ އަޅުގަނޑު ޝައްކު ކުރާ ކަމެއްނޫން - ރައީސް ނަޝީދު
މުޙައްމަދު ޤާސިމް 29 ނޮވެމްބަރ 2025 (ހޮނިހިރު)   15:36
އެންމެބޮޑު އިދިކޮޅުޕާޓީ އެމްޑީޕީ (ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ) މިވަގުތު މިދަނީ އުނދަގޫ ދުވަސް ތަކެއް ތަޖުރިބާ ކުރަމުން ކަމަށާ، އެހެން ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދާދިފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީއަށް ވަގުތީ ޗެއާޕާސަނަކު ހޮވުމަށް ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހިޔާލުތަފާތުވުންތައް ބޮޑުވެ، އެ ބައްދަލުވުން ހޫނުވުމުން ނިޒާމު ގެއްލިގެން ބައްދަލުވުން ހުއްޓާލާފައި ވަނިކޮށް، ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ، އެމްޑީޕީ މިވަގުތު މިދަނީ އުނދަގޫ ދުވަސް ތަކެއް ތަޖުރިބާ ކުރަމުން ކަމަށާ، އެހެން ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެކަމީ އެބޭފުޅާ ޝައްކު ކުރައްވާ ކަމެއް ނޫންކަމަށެވެ.

"އެމްޑީޕީގެ ވަރަށްގިނަ މެންބަރުން އެ ބުނަމުންދަނީ މުހިންމީ ޕާޓީގެ ޔުނިޓީކަމަށް. މޮޓަރު ބޯޓުގެ ގަޑުބަޑު (1933) ގައި އަމީން ދީދީ ވިދާޅުވީ އެންމެ މުހިންމީ ކެބިނެޓް ގެ ޔުނިޓީ ކަމަށް. ކެބިނެޓް ގެ އެކަކަށް ލިބޭ ގެއްލުމެއް އަނެކަކަށް ވެސް ލިބެންޖެހޭނެ ކަމަށް." - ރައީސް ނަޝީދު ވިދާޅުވިއެވެ.

ފަހުން ދެ ފަރީދު އާއި އަމީން ނޫން އެންމެންނަށް ޖެހުނީ މޮޓަރު ބޯޓުގައި ކޮޅުނބަށް ދާން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ "އެއަށްފަހު" ދެން އެތާ ކެބިނެޓު އެއް އަހަރު ތިބި ކަމަށާ، އެ ތިބި އިރު ދަރަވަންދޫގޭ ޙުސައިން ސަލާހުދީން ލިޔުއްވި ޅެންބައިތެއް މިވަގުތު މުނާސިބު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެ ޅެންބައިތު ވެސް ލިޔުވާފައެވެ.

"އުނިކަން ނުވާ މާތް ދޫފުޅުން، އެދުވަހު ވިދާޅުވީ،

ޔުނިޓީއަކީ ފަހެ ހަސަދައާ، މަކަރަށް ނުވާނެބާ؟" - ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް އާއި ޢަބްދުﷲ ވަޙީދު (ދިއްދޫ ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ގެ ނަން ޗެއާޕާސަންކަމަށް ހޮވުމަށް ހުށަހަޅައި ތާއީދު ވެސް ލިބުނެވެ.

އޭގެތެރެއިން ވަޙީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވާތީ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.

އަދި ދެން ހުށަހަޅާފައި ހުރިނަންތަކަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވި ނަމަވެސް ގައުމީ މަޖިލީހުގައި ހިޔާލުތަފާތުވުން ބޮޑުވެ ގިނަ އަދަދެއްގެ މެންބަރުން ނިކުތުމުން އެ މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ރިޔާސަތުން ނިންމީ ޖަލްސާ ހުއްޓާލުމަށެވެ.

ކޮމެންޓް