ރައީސް ނަޝީދު، ވެރިކަން ކުރެއްވި ދުވަސްވަރު ގަހެއް އިންދަވަނީ
ސަތޭކަ އަހަރަށްދާ ވިލިމާލޭ ނިކަގަސް ކަނޑާނުލުމަށް ނަޝީދު އެދިވަޑައިގެންފި
ޖުނާން އަޙުމަދު 26 ނޮވެމްބަރ 2025 (ބުދަ)   19:43
ވިލިމާލޭގައި ހުރި ބޮޑު ނިކަ ގަހަކީ ސަތޭކަ އަހަރަށްދާ ގަހެއް ކަމަށާ، އެހެންކަމުން އެ ތާރީހީ ގަސް ކަނޑައި ނުލުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާދޭހާއެކު އެދިވަޑައިގެންފިއެވެ.

ރައީސް މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެކު މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް ރައްޔިތުން، ވިލިނގިލީގައި ހުރި ޒަމާންވީ ދެ ނިކަގަހެއްގެ މޫތައް ދިގުވެ ގޭގެއަށް ފޯރާތީ އެކަމާ ޝަކުވާ ކުރުމުން އެ ބައްދަލުވުމުގައި ބައިވެރިވި މީހުން އަތް ނަގާ ގޮތަށް ވޯޓެއް ނެގުމަށް ފަހު، އެ ދެ ގަސް ކެނޑުމަށް ބޮޑު އަގުލަބިއްޔަތެއް ލިބުމުން އެ ގޮތަށް އެކަން ކުރުމަށް ރައީސް މުއިއްޒު ނިންމެވި އެވެ.

ހަމަ އެއާއެކުގައި މައްޗަންގޯޅީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އެ ދެ ނިކަގަހުގެ ބަދަލުގައި 300 ގަސް އިންދުމަށް އަންގަވާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ އެ ނިންމެވުމާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި، އެ ނިކަގަހުގެ ތާރީޚަށް އަލިއަޅުއްވާލައްވާ ވިދާޅުވީ،  1902އިން 1934އަށް ދިވެހި ރާއްޖޭގެ ރަސްކަމުގެ ތަހުތުގައި ރެދަލި ކުރެއްވި ޝަމްސުއްދީން ރަދުންގެ ދުވަސްވަރު ވެސް އެ ގަސް ހުރީ ބިޔަކޮށް ކަމަށެވެ.

މީގެ އިތުރުން، ވިލިނގިލީ ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ލައްވައި މަސައްކަތް ކުރުވުމަށް ފަހު، އަރާމުކުރަން ބައިތިއްބަނީ އެ ގަސް ހުރި ސަރަހައްދުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވިލިމާލޭ ނިކަ ގަހަކީ ޝަމްސުއްދީން ރަދުން ފުވައްމުލަކަށް ފަހު، ގެންނަވާފައި އެ ރަށުގާ ބަހައްޓައްވަފައި ހުންނެވި އިރުވެސް ބިޔަކޮށް ހުރި ގަހެހް. ވިލިނގިލީ ޖަލު ހުރީ ދުވަސްވަރު ސިޔާސީ ކުހްވެރިން ލައްވާ ބުރަ މަސައްކަތް ކުރުވާފައި ގެނެސް މެންދުރު މަޑުޖެހިލާން ތަންވަޅެއް ދޭން ބައިތިއްބާފައި ތިބޭ ތަން." ތާރީޚު ދިރާސާ ކުރެއްވުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް