އިސްމާއިލް ޔާފިސް، ހ.ލައިޓްނައިޓް.--
ރައީސް ނަޝީދަށް މަރުގެ އިންޒާރުދިން މީހާ 10 އަހަރަށް ޖަލަށް
ހަސަން އިބްރާހީމް 28 ނޮވެމްބަރ 2025 (ހުކުރު)   18:34
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެއީ 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ނަޝީދަށް އިންޒާރު ދިން މައްސަލައެކެވެ. އެ މައްސަލައިގައި މިމަހުގެ 26 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ.

ސޯޝަލް މީޑިއާގެ އިތުރުން، ފުލުހުންގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ޔާފިސް ވަނީ ނަޝީދު އަވަހާރަކޮށްލަން ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާއެވެ.

ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރި މައްސަލައިގައި އޭނާގެ މައްޗަށް 2 އަހަރުގެ ހުކުމެއް އިއްވި އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިން މައްސަލައިގައި އޭނާގެ މައްޗަށް އިއްވީ 3 އަހަރުގެ ހުކުމެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިން މައްސަލައިގައި އޭނާއަށް އިއްވީ 5 އަހަރުގެ ހުކުމެކެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރާވައިގެން 2021 މެއި 6، ގައި މާލޭގެ މަޖީދީ މަގުގައި ބަޔަކު ވަނީ ބޮމެއް ގޮއްވާލައިފަ އެވެ. އެ ހާދިސާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ.

ކޮމެންޓް