
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއެކު ރޭ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ހައުސިން ޔުނިޓުތަކަކީ މާލޭ ސަރަހައްދުގައި ގާއިމުކުރައްވާނޭކަމަށް އެމަނިކުފާނު އިއުލާންކުރައްވާފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 3 ކޮޓަރީގެ 300 ހައުސިން ޔުނިޓުކަމަށާއި، މި ހައުސިން ޔުނިޓުތައް ހާއްސަކުރައްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ހޮސްޕިޓާ އެހެންތަނަކަށް ބަދަލުކޮށްގެން މި މަސައްކަތްކުރާއިރު، ޚިދުމަތްދިނުމުގައި ކުރިމަތިވެދާނޭ ދަތިތައް ކުޑަކުރެއްވުމެއްޓަކައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީގައި ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅުކުރައްވާނޭކަމަށެވެ. އަދި އެ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފެށޭ އަހަރު، ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށާއި، ވިލިމާލޭގައި ޔޫ.އެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޝާފީ | މޯލްޑިވްސް އިމޭޖަސް
މި ބައްދަލުކުރެއްވުމުގައި، ވިލިމާލޭގެ ޢުމްރާނީ މަސައްކަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ދެއްވަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަރީޒު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު ވަނީ، ބުރިޖާއި، މަގުހެދުމާއި، ހައުސިންގ ޔުނިޓާ ގުޅޭ އިތުރު ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. އަދި މި ހުރިހާ މަސައްކަތެއް ކުރިއަށްގެންދެވުމުގައިވެސް، ރަށުގެ ވެށި، ފެހިކަން މަތީ ދެމެހެއްޓެވުމަށް އިސްކަން ދެއްވާނޭކަމަށް ވިދާޅުވިއެވެ. އަދި ބުރިޖުގެ މަސައްކަތް ނިމުނުކަމުގައިވިޔަސް، ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވޭ ސަރަހައްދަކަށް ހެދުމަށް ގަސްދުކުރައްވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިރޭގެ ބައްދަލުކުރެއްވުމުގައި ވަނީ، ވިލިމާލޭ މަސްޖިދުއްސަލާމް ހުރި ބިމުގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، ރަށުގައި ހުރި ގިނަދުވަސްވީ ދެ ގަހެއްގެ ސަބަބުން، ދިމާވާ މައްސަލައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން، އެ ދެ ގަސް ނެގުމަށް ނިންމަވާފައެވެ.
މީގެ އިތުރުން ރައްޔިތުން ވަނީ، ކޯޕަރޭޝަނެއްގެ ދަށުން ވިލިމާލޭގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި، ރަށުގެ މޫދަށް އެރޭ ސަރަހައްދު އިތުރަށް ތަރައްޤީކުރައްވައި، ފެރީ އަދި އެތެރޭގެ ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރައްވައި، ވިލިމާލޭގައި މަސްމާރުކޭޓެއް ޤާއިމުކުރެއްވުމަށް ރައްޔިތުން އެދިވަޑައިގެންނެވިއެވެ. އަދި މިއީ، ޤައުމަށް ވެރިޔަކު އިންތިޚާބުވެވަޑައިގަތުމަށްފަހު ވިލިމާލޭ ރައްޔިތުންގެ ހާލު ބައްލަވަން ދައުރުގެ ތެރެއިން ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން، ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.




