ނިޔާވި، އާއިޝަތު ނަޒާހަތު އަހުމަދު ދީދީ (28އ.) ސ.ހިތަދޫ، ތަމަންނާގެ
ސިޒޭރިއަން ހެދުމުގެ ތެރޭގައި ޒުވާން އަންހެންކުއްޖަކު ނިޔާވެއްޖެ
ނިޔާވީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފެއް
މަރްޔަމް މުޙައްމަދު 24 ނޮވެމްބަރ 2025 (ހޯމަ)   15:43
އައްޑޫ ސިޓީގައި ހުންނަ އައިއެމްޑީސީ (އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު) ގައި ސިޒޭރިއަން ހެދި މާބަނޑު އަންހެނަކު ހާލު ސީރިއަސްވެ މިއަދު ނިޔާ ވެއްޖެއެވެ.

ނިޔާވި އާއިޝަތު ނަޒާހަތު އަހުމަދު ދީދީ (28އ.) ސ.ހިތަދޫ، ތަމަންނާގެ، އަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރި އަންހެނެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސިޒޭރިއަންއަށް ފަހު ލިބުނު ދަރިފުޅުގެ ހާލު ވެސް ވަނީ ގޯސްވެފައި ކަމަށް ވާއިރު، ފުރަތަމަ އެ އަންހެން މިހާ އެ ސެންޓަރަށް ދިޔައީ، ވިހަން ދީފައި އޮތް ތާރީހު ޖެހިގެން، ޑޮކްޓަރަށް ދެއްކުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ހޮޑުލެވެމުން ދިޔުމާއި، ހަށިގަނޑުގައި ހުން ހުރެ، ފިޓު ޖެހުމުގެ ސަބަބުން، އިމަޖެންސީކޮށް ސީ ސެކްޝަނެއް ހެދުމަށް އެ ސެންޓާރުން ނިންމި ނަމަވެސް ސީ ސެކްޝަނަށްފަހު، ހާލު ގޯސްވުމުން، އިމަޖެންސީގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ނިންމީކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި، ހޮސްޕިޓަލަށް ދެވުނުއިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ޢަލީ ނިޒާރާއި އެ ކައުންސިލުގެ މުވައްޒަފުން ވެސް ތައުޒިޔާ ރައްދުކުރަމުން އަންނައިރު، ޢަލީ ނިޒާރުގެ ތައުޒިޔާ މެސެޖުގައި ވިދާޅުވީ، ނަޒާހަތަކީ އަހުލާގު ރަނގަޅު މުވައްޒަފެއް ކަމަށާ، އަދި އޭނާގެ ވަކިވުމަކީ ފުން ހިތާމައެއް ކަމަށެވެ.

ކޮމެންޓް