
ސަރުކާރުގެ ތަރުޖަމާނު އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މީޑިއާގައި ވިދާޅުވީ، ވ. އަތޮޅުގެ އަލިމަތާ ކޭވްގައި މަރުވި ހަތަރު ފަތުރުވެރިންގެ ހަށިގަނޑުގެ ތެރެއިން އިއްޔެ ދެ ހަށިގަނޑު ނެގުމަށްފަހު، ބާކީ ތިބި ދެ ފަތުރުވެރިންގެ ހަށިގަނޑު ވެސް މިއަދު ނަގައިފި ކަމަށެވެ.
ކުރިއަށް ދެން އޮންނާނީ، މޯޗުއަރީއަށް ހަށިތައް ގެންދިއުން ކަމަށާ، އެހެންކަމުން ހަށިގަނޑުތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިން ފިންލޭންޑުގެ ޓެކްނިކަލް ޑައިވަރުންނާއި، ހިލޭ ސާބަހަށް އެހީވެދިން ދިވެހި ދެ ކުންފުނިން ކޮށްދިން މަސައްކަތްތަކަށް މި ފުރުސަތުގައި، ޝުކުރު ދަންނަވާކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
އަދި ފަތުރުވެރިންގެ ހަށިތައް އިޓަލީވިލާތަށް ފޮނުވައިލުމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރާއެކީ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައިވެސް ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާ ކަމަށްވާ މި ހާދިސާހިނގި، މި ދަތުރު ކުރި ސަފާރީ ބޯޓު "ޑިއުކް އޮފް ޔޯކް" ގެ އޮޕަރޭޓިން ލައިސަންސް ވެސް މިހާރު ވަގުތީ ގޮތުން ވަނީ ހިފަހައްޓާފައެވެ.
އިޓަލީގެ އަންސާއިން ނޫސް އެޖެންސީން ރިޕޯޓުކުރަނީ، މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުން ވެސް ކުރިއަށްގެންދާއިރު، އިޓަލީގެ ޕްރޮސެކިއުޓަރުން ވެސް މިހާރު ވަނީ މިކަމުގައި އިހުމާލުވި ފަރާތެއް ވާނަމަ އެ ފަރާތަކާމެދުގައި ދައުވާ އުފުލުމަށްޓަކައި، މި ހާދިސާ ތަހުގީގުކުރަން ފަށާފައި ކަމަށެވެ.
މިކަމާގުޅިގެން އޭބީސީ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، ދިވެހި ސަރުކާރުގެ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ މި ދަތުރު އިންތިޒާމުކުރި ފަރާތްތަކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، ބޭނުންވާ ރޭވުންތެރިކަން ހުރިތޯ ބެލުމަށް ކަމަށާ، ހަށިގަނޑުތައް ނެގުމުގެ މަސައްކަތުން ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ހާމަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި މީހުން ހޯދުމަށް ކުރިއަށްގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނުގެ ތެރެއިން ހޮނިހިރު ދުވަހު ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މަރުވުމާ ގުޅިގެން މަސައްކަތް ވަގުތުކޮޅަކަށް މެދުކަނޑާލިއެވެ. ނަމަވެސް، އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާއެކު މިހާރު ވަނީ އޮޕަރޭޝަން އަލުން ފަށާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.




