ހޮހޮޅައިގައި މަރުވި ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލުމުގެ ތެރެއިން
ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލައިފި
ޖުނާން އަޙުމަދު 23 މޭ 2026 (ހޮނިހިރު)   08:53
ވ. އަތޮޅު އަލިމަތާ ރިސޯޓުކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައެއްގައި ޑައިވިންކުރަނިކޮށް ގެއްލިގެން ހޯދަމުންދަނިކޮށް، މަރުވެފައި އޮއްވާ ފެނުނު އިޓަލީވިލާތުގެ 5 ޑައިވަރުން ތެރެއިން އެ ގައުމަށް ފޮނުވާނުލާ އޮތް ހަތަރު ޑައިވަރުންގެ ހަށިގަނޑު ރޭ އެ ގައުމަށް ފޮނުވާލައިފިއެވެ.

އަށް ދުވަސް ކުރިން ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް ފަތުރުވެރިންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ނިޔާވިއެވެ. އޭގެތެރެއިން އެކެއްގެ ހަށިގަނޑު މީގެކުރިން މިލާނަށް ފޮނުވާފައި ވާއިރު، ސިފައިންގެ މީހާ ވެސް ވަނީ ރަސްމީ އިއްޒަތުގައި، ޖަނާޒާ ބާއްވާ ވަޅުލާފައެވެ.

ގައުމަށް ނުފޮނުވި، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު އިޓަލީއަށް ރޭ ފޮނުވާލާފައި ވަނީ ޓާކިޝް އެއާލައިނުން ތުރުކީ ވިލާތުގެ އިސްތަންބޫލު މަގުންނެވެ. އެމީހުންގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މިލާނަށް ގެންދެވޭނެއެވެ.

މި ހުރިހާ ފަތުރުވެރިންގެ ހަށިގަނޑުތައް ވެސް ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަނީ، ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ހޮހޮޅަތެރެއަށް ގެއްލުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިމަހުގެ 19 ވަނަ ދުވަހު ކަނޑުގެ އަޑިން ނަގާފައި ވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ހަރަކާތްތެރިވިއެވެ.

މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން އިއްޔެ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައި ވާއިރު، އެ ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމާއި، ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި އެތަކެތި ހޯދުން ކަމަށް އޮޕަރޭޝަންގައި ހަރަކާތްތެރިވި ޓީމުން ބުނެއެވެ.

އެގޮތުން ހޯދި ހުރިހާ ހެކިތަކެއް މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި ވާއިރު، މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް ވަނީ ޖިނާއީ ތަހުގީގެއް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް