
'އެމްވީ ޑޫކް އޮފް ޔޯކް' ނަމަކަށް ކިޔާ މި ސަފާރީ ބޯޓުގެ ލައިސަންސް ހިފަހައްޓާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އެ ފަސް ޑައިވަރުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވާއިރު، އޭނާ އޮތީ މަރުވެފައެވެ.
މުއްދަތެއް ނެތް ގޮތަށް އެ އުޅަނދުގެ ލައިސެންސް ސަސްޕެންޑު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމީ އެ ހާދިސާގެ ސީރިއަސްކަމުން އިތުރު ކަންކަން ބެލުއްމަށްކަމަށް މައުލޫމާތު ލިބެއެވެ.
އަދި ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި ވާއިރު، މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފަ އެވެ.
ފަސް ޑައިވަރުން ވެސް މަރުވެފައި ތިއްބާ ފެނިފައިވާ ކަމަށް، ފުލުހުން އެންމެ ފުރަތަމަ ބުނި ނަމަވެސް، ފަހުން އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި ފެނުނީ އެކަކުގެ ހަށިގަނޑު ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެކެއްގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް ކަމަށާ، ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މެދުނުކެނޑި ކުރަމުން އަންނަކަމަށެވެ.
ވ. ފުލިދޫ ހެލްތު ސެންޓަރަށް މަރުވި މީހާގެ ހަށިގަނޑު ގެންގޮސްފައި ވާއިރު، އެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައެއްގެ ތެރެއިންނެވެ.
ޑައިވަރުން ހޯދުމަށްޓަކައި އެމީހުން ނިސްބަތްވާ ގައުމުކަމުގައިވާ އިޓަލީ އިން އެ ގައުމުގެ ޓެކްނިކަލް ޓީމަކާއި ވަސީލަތް ލަތް ފޯރުކޮށްދިނުމަށް ނިންމާފައި ވާއިރު، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުންވެސް ވަނީ ސަރޗް އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދޭނެކަން ހާމަކުރައްވާފައެވެ.




