
އެގޮތަށް ފާސްކުރީ ސިއްރު ކޮށްގެން ގެންދިޔަ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ސިއްރުން ކުރިއަށް ގެންދިޔުމުން މާބޮޑު ތަފުސީލެއް ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި، ސީޕީ ނަވީނާއި އެހެން އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ 7 އޮފިސަރަކު ސަސްޕެންޑްކުރަން ފާސްކުރީ އިއްޔެ އާއި މިއަދު ބޭއްވި މާލިއްޔަތު ކޮމީޓީގެ ސިއްރު ބައްދަލުވުމުގައި މެމްބަރުން ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ. އެއީ ސިއްރު ބައްދަލުވުންތަކެއް ކަމަށް ވާތީ ކޮމިޓީގެ މެންބަރުން ވަނީ ތަފުސީލުތައް ސިއްރު ކުރައްވައިފަ އެވެ.
ސަސްޕެންޑު ކުރަން ލަފާދޭން ކޮމިޓީން ފާސްކުރި އޮފިސަރުން:
ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރަން ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެހެންވެ، ސީޕީ ނަވީނާއި ބާކީ ހަ އޮފިސަރުން ސަސްޕެންޑު ކުރުން ނުވަތަ ފިޔަވަޅު އެޅުމުގެ ކުރިން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ކޮމިޓީގެ މެންބަރަކު ވިދާޅުވި އެވެ.
ފުލުހުންގެ ކުންފުނި ޕޮލްކޯއާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން މާލިއްޔަތު ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގެ މުގައްރަރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރިން ވިދާޅުވީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅުން އަދިވެސް ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވުމުން ފުލުހުން އެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނާ ގުޅޭގޮތުން ޖިނާއި ތަހުގީގެއް ހިންގޭނެ ވަރަށް ހެކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.




