ގާނޫނުގެ ދަށުން އިނާޔަތް ލިބިވަޑައިގަންނަވާ ކުރީގެ ރައީސުން.--
ކުރީގެ ރައީސުންނަށްދޭ އޮފީސް ހިންގުމުގެ ހަރަދު އުނިކުރަން ހުށަހަޅައިފި
ދައުރު ފުރިހަމަކުރާ ނައިބްރައީސުންނަށް 25،000 ރުފިޔާގެ އިނާޔަތް ދިނުމަށްވެސް ހިމަނާފައިވޭ
ފިޔެސް 27 ނޮވެމްބަރ 2025 (ބުރާސްފަތި)   09:00
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މިހާރު ދެމުން އަންނަ އިނާޔަތް އުނިކުރަން، ރައީސުލްޖުމްހޫރިއްޔަކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިސްލާހު ގެނައުމުގެ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

އިއްޔެ ހުށަހެޅުއްވި މި ބިލުން ފާހަގަ ކުރެވޭ އެންމެ ބޮޑު ބަދަލަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ 8 ވަނަ މާއްދާ އުވާލުމާއި ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ކަނޑައެޅުމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނަނީ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު -/175,000 (އެއްލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ" ކަމަށެވެ. ހުށަހެޅި ބިލުގައި އޮތީ މި މާއްދާ އުވާލުމަށެވެ.

މިހާރު ހުށަހަޅާފައި އޮތް އިސްލާހުގައި ނައިބްރައީސް ކަމުގެ މަގާމު ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތް ދިނުމަށާއި ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިމަނާފައި ވެއެވެ.

ނައިބްރައީސްކަމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ފަރާތްތަކަށް މާލީ އިނާތެއްގެ ގޮތުގައި ކޮންމެ މަހަކު ދިނުމަށް ކަނޑައަޅާފައިވަނީ  25،000 ރުފިޔާ އެވެ.

މި އުސޫލުން ބަލާނަމަ، މި އިސްލާހު ފާސްވުމުން އިނާޔަތް ނައިބްރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިނާޔަތް ލިބިވަޑައިގަންނަވާނެ ހަމައެކަނި ބޭފުޅަކީ، ނިމިދިޔަ ސަރުކާރުގެ ނައިބްރައީސް ފައިސަލް ނަސީމެވެ.

މީގެ އިތުރުންވެސް މި ބިލުގައި އިތުރު ބަދަލުތައް ހިމަނާފައިވާއިރު، ގާނޫނުގައި ބުނާ މާލީ އިނާޔަތް ލިބޭނީ ދައުލަތުގެ އެހެން އެއްވެސް މަގާމެއް އަދާކުރަމުން ނުދާ މުއްދަތުގައި އެކަނިކަންވެސް ފާހަގަކުރެވެއެވެ.

2009 ވަނަ އަހަރު މި ގާނޫނު އެކުލަވާލައި އަމަލުކުރަން ފެށިއިރު، ގާނޫނުގެ ދަށުން އިނާޔަތް ލިބިވަޑައިގަތީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަށް އެކަންޏެވެ. އެހެންނަމަވެސް މިހާރު މިގާނޫނުގެ ދަށުން އިނާޔަތް ލިބިވަޑައިގަންނަވާ ކުރީގެ ފަސް ރައީސުން އެބަ ތިއްބެވިއެވެ. އެބޭފުޅުންގެ ތެރެއިން އަބްދުﷲ ޔާމީން ފިޔަވާ އެހެން ރައީސުން އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި މަހަކު 175،000 ނަންގަވައެވެ.

އަންނަ އަހަރަށް ލަފާކޮށް މިފަހުން ފާސްކުރި ބަޖެޓްގައިވެސް ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމަށް 19 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައި ވެއެވެ.

ކޮމެންޓް