ހޮންކޮންގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ - ފޮޓޯ: ބްލޫމް ބާރގް
ހޮންކޮންގުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަބަޔަކު މަރުވެއްޖެ
44 މީހުން މަރުވެއްޖެ، ސަތޭކަ އެތައް ބައެއް ވީނުވީއެއް ނޭނގި ގެއްލިއްޖެ: އޮފިޝަލުން
މަރްޔަމް މުޙައްމަދު 27 ނޮވެމްބަރ 2025 (ބުރާސްފަތި)   12:30
ހޮންކޮންގުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި 44 މީހުން މަރުވެ، ސަތޭކަ އެތައް ބައެއް ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް ބައިނަލްއަގުވާމި މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

އެ ގައުމުގައި މީހުން ދިރިއުޅުމަށް ހަދާފައިވާ، ހައުސިން އެސްޓޭޓެއްގައި ހިނގި މި އަލިފާނުގެ ބޮޑު ހާދިސާގައި، އަލިފާން ނިއްވާނުލެވުނު ނަމަވެސް، އަދިވެސް ބައެއް ދިމަ ދިމާލުން ރޯވެ ފެތުރެމުން ދެއެވެ.

އަދި މިހާތަނަށް 44 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލުނުއިރު، 29 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި ރޯވެފައިވާ އިމާރާތްތަކުގައި އެހީއަށް އެދި މީހުން ގޮވަމުން ދާއިރު ވެސް އެ މީހުންނާ ހިސާބަށް ދެވޭނެ ގޮތެއް ވެސް ނެތި ތިބެންޖެހޭ ކަމަށާ، އެންމެ ފުރަތަމަ އަލިފާން ރޯވީ ވަންގް ފުކް ކޯޓް އެޕާޓްމަންޓް ބްލޮކް މަރާމާތުކުރަމުން ދާތީ ދަމާފައި ހުރި ދާތައް ހިފަހައްޓަން ހަދާފައި ހުރި އޮނުގެ ފްރޭމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އަށް ޓަވަރުގައި 2،000 އަށް ވުރެ ގިނަ ފްލެޓް ހުންނަ އިމާރާތްތަކުގައި މަރާމާތުގެ ބޮޑު މަސައްކަތްތަކެއް ކުރަމުން ދާތީ އަށި އަޅައި ދަމާފައި ހުރި ދާތަކުގައި އެ އަލިފާންގަނޑު ފެތުރިގެން ދިޔައީ އެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރ ފައިޓަރަކު ވެސް ވަނީ މަރުވެފައިކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮމެންޓް