
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ބުނީ ރޭ އަލިފާން ރޯވި އިމާރާތުން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލެވިފައި ކަމަށާ، މި ހާދިސާގެ ރިޕޯޓް ރޭ ފަތިހު 04:11 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 04:46 ހާއިރު ކަމަށާ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފްގެ މާލެ ފަޔަރ ސްޓޭޝަނުން ބުންޏެވެ.
މި އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މި އިމާރާތަކީ މަސްތަުވާ ތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން މައުލޫމާތު ލިބެއެވެ.
ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށީގެ އިމާރާތެއްގައި ވެސް މީގެ ދެހަފްތާ ކުރިން ވަރަށް ބޮޑަށް އަލިފާން ރޯވެ ވަނީ ގެއްލުންތަކެއް ވެފައެވެ.
އެމްއެންޑީއެފްއިން ބުނީ މި މަހުގެ 14 ވަނަ ދުވަހު މެންދުރު 12:30 ހާއިރު ރޯވި އެ އަލިފާންގަނޑު އެދުވަހު މެންދުރު 13:40 ގައި އެއްކޮށް ނިއްވާލާފައިވާ ކަމަށާ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.




