
މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ، މިހާރު ކުރަމުން މިދަނީ، ސްރީލަންކާ ކައިރީގައި އުފެދިފައިވާ ބޯ ކޮޅިގަނޑެއްގެ ވިއްސާރަ ކަމަށާ، ސަބަބަކީ އެ ކޮޅިގަނޑުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދިފައިވާތީ ކަމަށެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވުރެ، މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ވިދާޅުވެ، އެ ސަރަހައްދުގެ ކަނޑުތައް ވެސް ޢާންމުކޮށް ގަދަވާނެ ކަމަށާ، އުތުރާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އުތުރާއި ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.
އެހެންކަމުން ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.




