އެމްޑީޕީގެ ގައުމީ މަޖިލިސްގެ ޖަލްސާއެއްގައި މެންބަރުން ވޯޓްދެއްވަނީ.--
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވަން ބޭއްވި ބައްދަލުވުމުން ވަކިގޮތެއް ނުނިމުނު
ފިޔެސް 28 ނޮވެމްބަރ 2025 (ހުކުރު)   23:38
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން ވަކިގޮތެއް ނުނިމި ނިޒާމު ގެއްލިގެން ބައްދަލުވުން ނިންމާލައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒު އިސްމާއީލް، މިމަހުގެ 23 ވަނަ ދުވަހުގެރޭ އިސްތިއުފާ ދެއްވުމުންވެ. ފައްޔާޒު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވެފައިވާ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ގޮތުން ޗެއާޕާސަނެއްގެ ޒިންމާ އަދާކުރައްވާނެ، ބޭފުޅަކާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައި އެ މަގާމަށް އަބްދުﷲ ވަހީދުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް ގެ ނަންވެސް ހުށަހެޅި އެވެ.

އޭގެ ތެރެއިން އަސްލަމަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވެފައި، ގާނޫނީ ލަފާ ލިބިފައިވާ ގޮތުން އަސްލަމްގެ ނަމަށް ވޯޓަށް ނާހާނެ ކަމަށް ރިޔާސަތުން އިއުލާން ކުރިއެވެ. އެޔާއެކު ޖަލްސާ ވަރަށް ބޮޑަށް ހޫނުވި އެވެ. ރިޔާސަތުގައި އިންނެވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕަސަން އިބްރާހިމް ވަހީދު އެވެ.

އަބްދުﷲ ވަހީދަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓްގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން އޭނާއަށް ލިބުނީ 47 ވޯޓެވެ. އެހެންކަމުން ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.

އަބްދުﷲ ވަހީދު ހޮވެން ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވަހީދު އަށް ތާއީދު ކުރާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ. އަދި ރިޔާސަތުން ފުރަތަމަ އިއުލާން ކުރީ ވަހީދުއަށް 49 ވޯޓް ލިބުނު ކަމަށް ކަމަށާ، ފަހުން ބަދަލު ކުރީ ކަމަށްވެސް ފިޔެސް އަށް މައުލޫމާތު ދެއްވި ބައެއް މެންބަރުން ވިދާޅުވިއެވެ. 

ހުށަހަޅާފައި އޮތް އަނެއް ނަމަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވަނިކޮށް ގިނަ އަދަދެއްގެ މެންބަރުން އަޑުގަދަކޮށް، ޖަލްސާ ދޫކޮށް ނުކުމެގެން ދިޔުމުން، ނިޒާމު ގެއްލުނީ ކަމަށް ބަލައި ރިޔާސަތުން ޖަލްސާ ނިންމާލީ އެވެ. 

ޖަލްސާ ނިންމާލި ފަހުން ފިޔެސް އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އަބްދުﷲ ވަހީދުއަށް ލިބުނީ 47 ވޯޓް ކަމަށެވެ. އެހެންވެ މިރޭގެ ޖަލްސާއިން އެއްވެސް މީހަކު ހޮވިފައި ނުވާ ކަމަށްވެސް މިރޭ ރިޔާސަތު ބެލެހެއްޓެވި އިބްރޭ ވިދާޅުވިއެވެ. 

މިރޭގެ ޖަލްސާ ކުރިއަށް ގެންދިޔައީ މީޑިއާތަކަށް ހުޅުވައިނުލައެވެ. 

ކޮމެންޓް