ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު.--
ވޯޓުން ކާމިޔާބުވި ކަމަށް ނިންމުމުން، ވަހީދު ޖެހިލީ ފަހަތަށް
އެފަރާތްތަކުން އަމަލު ކުރައްވާފައިވާ ގޮތުން އެމަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެކަމީ ޝައްކުކުރާ ކަމެއްނޫން: ވަހީދު
ހަސަން އިބްރާހީމް 30 ނޮވެމްބަރ 2025 (އާދީއްތަ)   16:37
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) އަށް އިންތިޚާބު ކާމިޔާބުވި ކަމަށް ކަނޑައެޅި ފަހުން، އެ މަގާމު ދޫކޮށްލަން އޭނާ މިއަދު ނިންމައިފިއެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނެ މީހަކު ކަނޑައެޅުމަށްޓަކައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން އޮތީ ނޮވެމްބަރު 28 ގައެވެ. ވަހީދުގެ ނަމަށް ވޯޓަށް އެހުމުން 49 މެންބަރުން ވޯޓް ދިނެވެ. ނަމަވެސް، އިތުރަށް ގުނައި އިއުލާންކުރީ ވަހީދުއަށް ލިބުނީ 47 ވޯޓް ކަމަށެވެ. އެވަގުތު ޖަލްސާގައި 95 މެންބަރުން ތިބުމާއެކު އަގުލަބިއްޔަތު ނުލިބޭ ކަމަށް ބަލައި، އެހެން ނަންތަކަށް ވޯޓަށް އަހަން ތައްޔާރުވަނިކޮށް ގިނަ މެންބަރުންތަކެއް ޖަލްސާ ދޫކޮށް ނިކުތުމުން އެ ޖަލްސާ ނިންމާލީ އެވެ.

ޖަލްސާގައި ކަންހިނގާދިޔަ ގޮތް ބެލުމަށް ފަހު, އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު, އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދަށް އިއްޔެ ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ ވަހީދަށް 48 ވޯޓް ލިބި, އޭނާ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބު ވެފައިވާ ކަމަށެވެ. އެ ރިޕޯޓްގައި ވޯޓް ލިބުނު ގޮތުގެ ތަފްސީލު ވެސް ހިމަނާފައިވެ އެވެ.

އެހެން ނަމަވެސް އަބްދުالله ވަހީދު މިއަދު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާ އެ މަގާމަށް ކުރިމަތި ލެއްވި ގޮތާއި ކަންހިނގާދިޔަ ގޮތާއި އެކަން ކަމާ ގުޅިގެން އޭނާ ނިންމަވާގޮތް ވިދާޅުވެފައެވެ. 

ސޯޝަލްމީޑިއާގައި އާންމުވެފައިވާ އެ ސިޓީގައި ވަހީދު ވިދާޅުވެފައިވާ ގޮތުގައި އޭނާ އެ މަގާމަށް ކުރިމަތި ލެއްވުމަށް ނިންމެވީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އެ ހުށަހެޅުން އައުމާއެކު ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ޕާޓީގެ އެޑްވައިޒަރު, އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލަފާ ހޯއްދެވި ކަމަށާއި ދެ ބޭފުޅުން ވެސް ލަފާ ދެއްވީ އެކަމުގައި ކުރިއަށް ދިއުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

ނަމަވެސް އެ ދެ ބޭފުޅުންނާއި ޕާލަމެންޓްރީ ގުރޫޕުގެ ބޭފުޅުން ފަހުން އަމަލު ކުރެއްވީ ވިދާޅުވިގޮތާ ޚިލާފަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ތާއީދު ކުރައްވައި, އަޅުގަނޑު އެ މަގާމަށް ނުކުތުމަށް ހިތްވަރު ދެއްވި ޕާޓީގެ ރައީސާއި ޕާޓީގެ އެޑްވައިޒަރު އަދި ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުން އެ ވޯޓާ ހަމައަށް ދިޔައިރު އަމަލު ކުރެއްވި ގޮތުންނާއި, އަދި އެ ވޯޓަށް ފަހު އެ ފަރާތްތަކުން އަމަލު ކުރައްވަމުން ގެންދަވާފައިވާ ގޮތުން އަޅުގަނޑު އެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނޭ ކަމީ މިއަދު އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން," ވަހީދުގެ ސިޓީގައި ވެއެވެ. 

އެފަދައިން ބަޔާންކުރައްވައި ވަހީދު ވިދާޅުވެފައިވަނީ އެ އިންތިޚާބުގައި އޭނާ ވާދަކުރިކުރުން އަނބުރާ ގެންނަން ބޭނުންވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑު ގަސްތުކުރަނީ، އަޅުގަނޑު އެ އިންތިޚާބު ކާމިޔާބުކޮށްފައި ވީނަމަވެސް، އެ އިންތިޚާބުގައި އަޅުގނަޑު ވާދަކުރިކުރުން އަނބުރާ ގެނައުމަށެވެ." ވަހީދު ވިދާޅުވެފައި ވެއެވެ.

ވަހީދު ވިދާޅުވެފައި ވާ ގޮތުގައި އޭނާގެ އެ ނިންމުމަކީ "ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް" ނިންމެވި ނިންމުމެކެވެ.

ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރު ނުވާނެހެން، ޕާޓީގެ ޔުނިޓީ ހިފެހެއްޓޭނެ ގޮތަށް އެމްޑީޕީގެ ރައީސާއި އެޑްވައިޒަރު އަމަލު ކުރެއްވުމަށްވެސް ވަހީދުގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ. 

ކޮމެންޓް