
ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމަށް މާއްދާއެއް އިތުރުކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު އެވެ. ޝާހިދު މިގޮތަށް ހުށަހެޅުއްވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ހުށަހެޅި އިސްލާހުގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައިވާ ގޮތުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000ރ. ލިބޭނެ ކަމަށާ، އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭން ވާނެ އެވެ.
މި އިނާޔަތް 30،000ރ. އަށް ބޮޑުކުރަން ހުށަހެޅުއްވީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުޙައްމަދު މަމްދޫހު އެވެ. އަދި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްވެފައެވެ.
އަދި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެ މަގާމުން ވަކިވެ ވަޑައިގެންނެވުމަށްފަހު، އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މާލީ އިނާޔަތް ދިނުން މެދުކެނޑޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާއާ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދެވޭނެ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށާއި އަދި ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
ދައުލަތުން އިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަނިކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވާއިރު، އެ މި އުސޫލުން ބަލާނަމަ މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިސަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެއެވެ.




