ލޯކަލް ކައުންސިލްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުން - ފޮޓޯ: މަޖިލިސް
ސިޓީ ކައުންސިލް މެންބަރުންގެ އަދަދު މަދުކޮށް، ލޯކަލް ކައުންސިލް ގާނޫނުގެ އިސްލާހު ކޮމެޓީން ފާސްކޮށްފި
ޖުނާން އަޙުމަދު 25 ނޮވެމްބަރ 2025 (އަންގާރަ)   08:37
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކޮށް، ލޯކަލް ކައުންސިލް ގާނޫނަށް އިސްލާހު ގެނެސް، ލޯކަލް ކައުންސިލްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.

ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މަސައްކަތް ރޭ ނިންމާލާފައި ވާއިރު، އެ ކޮމެޓީން ގެނެވުނު އިސްލާހާއި އެކު ސިޓީ ކައުންސިލް މެންބަރުންގެ އަދަދަށް ތިން ބަދަލެއް ވަނީ ގެނެސްފައެވެ.

އެގޮތުން ސިޓީކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ގެނެވުނު ބަދަލުތަކަކީ:

  1. އާބާދީ 10000 ހާސް މީހުން ފެށިގެން 25000 މީހުންނާ ހަމައަށް. 7 މެންބަރުން.
  2. އާބާދީ 25000 ހާސް މީހުން ފެށިގެން 50000 މީހުންނާ ހަމައަށް. 11 މެންބަރުން.
  3. އާބާދީ 50000 ހާސް މީހުން ފެށިގެން މައްޗައް  15 މެންބަރުން.

މީގެ އިތުރުން، މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އުނިކޮށް، އަތޮޅު ކައުންސިލް އުވާލާ އިސްލާހު ވެސް ރޭ ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާހަށް، ބަހުސް މަރުހަލާގައި ގިނަ މެންބަރުން ތާއީދު ކުރައްވާފައި ވާތީ، މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެކަމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ނިންމަވާ، 52 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައެވެ.

މެންބަރަކު ޕާޓިން ވަކި ކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނުއަސާސީގައިވާ މާއްދާ ބަދަލުކުރުމަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ގިނަ މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ގިނަ މެންބަރުން ވިދާޅުވެފައި ވަނީ، އެ މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުން ވަކި ޕާޓީއަކަށް އިތުބާރުކޮށްގެން ކަމަށްވާއިރު އެ މެންބަރަކު އެ ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އޭގެ ބަދަލުގައި ދެވަނަ ފަހަރަށް އިންތިހާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިހާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އަދި އޭގެ ސަބަބުން ދެފަހަރަށް އެއް ދާއިރާއެއްގައި އިންތިހާބު ބާއްވަންޖެހި ހަރަދުތައް ބޮޑުވާނެ ކަމަށް ވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައި އެ މާއްދާ އުވާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި، އެ މައްސަލަ ދިރާސާކުރުމުގެ ތެރޭގައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހަޅުއްވި ހުށަހެޅުއްވުން 50 މެންބަރުންގެ ވޯޓުން ވަނީ ފާސްވެފައެވެ.

ކޮމެންޓް