ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގެ ތެރެއިން.- ފޮޓޯ: މަޖިލިސް
އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށްފި
ހަސަން އިބްރާހީމް 25 ނޮވެމްބަރ 2025 (އަންގާރަ)   14:04
ދިވެހިރާއްޖޭގެ އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، މަޖިލީހުން ފާސްކޮށްފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހެޅީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ސުޖާއު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އަތޮޅު ކައުންސިލްތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވާލުމަށްޓަކައި ތިން ބަދަލެއް ގެންނަން ހުށަހަޅާފައިވެ އެވެ.

އެ އިސްލާހު މަޖިލީހުން ފާސްކުރީ މަޖިލީހުގެ 75 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވި އެވެ.

މިއަދު މަޖިލީހުން ފާސްކުރީ އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށާއި ގާނޫނުއަސާސީގައި އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަޔާންކުރާ 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު އުނިކުރުމަށެވެ.

އޭގެއިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ. ގައި އަތޮޅު ކައުންސިލް ބަޔާންކޮށްފައިވާ ބަސް އުނިކުރަން ވެސް މިއަދު ފާސްކުރި އެވެ.

މި އިސްލާހުތައް ފާސްކުރުމާއެކު، ލޯކަލް ކައުންސިލްތަކުގެ މި ހިނގާ ދައުރު ހަމަވުމުން، ދެން އޮންނަ އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މެންބަރުން އައްޔަނެއް ނުކުރާނެ އެވެ. އެހެންކަމުން މިހާރު މި ހިނގާ ދައުރުގައި އަތޮޅު ކައުންސިލްތަކުގައި ތިބި މެންބަރުންނަކީ އަތޮޅު ކައުންސިލް މެންބަރުކަން ކުރާނެ އެންމެ ފަހު ބޭފުޅުންނެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނެސްފައި މި ވަނީ އެކަން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް، އެކަން މުޅިން އިދިކީލި ވިސްނުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަމުން ދަނިކޮށެވެ.

ކޮމެންޓް