މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު.-- ފޮޓޯ: މަޖިލިސް
އައިޖީއެމްއެޗްގައި ލެބޯޓަރީ ޓެސްޓް ހެދެން ނެތްކަން މަޖިލީހުގެ ސަމާލުކަމަށް
ހަމަކުރަންވީ ފަރުވާދިނުމަށް ބޭނުންވާ ސާމާނާއި ބޭސް، ޑޮކްޓަރަށް ދައްކަންދާ ކޮންމެ މީހަކަށް މުވައްޒަފެއްނޫން: މެންބަރު ޝާކިރު
ޖުނާން އަޙުމަދު 30 ނޮވެމްބަރ 2025 (އާދީއްތަ)   13:02
ސަރުކަރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މުހިންމު ލެބޯޓަރީ ޓެސްޓް ހަދަން ބޭނުންވާ ސާމާނު ނެތިގެން ޓެސްޓްތައް ނުހެދޭކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވައި އެމްޑީޕީ މެންބަރު ޝާކިރު އިއްޔެ ފޮނުއްވި ސިޓީގައި ފުރަތަމަ ފާހަގަކުރައްވާފައިވަނީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ 18 އަހަރުގެ ޒުވާނަކު މި ފަހުން ތަހައްމަލުކުރަން ޖެހުނު ކަންތައްތަކެވެ.

އެ ގޮތުން، އޭނާއަށް ކޮންމެހެން ބޭނުންވާ ފަރުވާއެއް ފެށުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓްތައް އައިޖީއެމްއެޗުން ހެދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށާ، ހޮސްޕިޓަލުން ފެށި ފަރުވާގެ ޓެސްޓްތައް ހެދުމަށް ޓޯކެން ނަންބަރު ނަގައި، 200އަށް ވުރެ ގިނަ މީހުންގެ ކިއޫއަކަށްފަހު ލޭނަގަން ދިޔައިމަ، ޓެސްޓް ހެދުމަށް ބޭނުންވާ ބައެއް އާލާތްތައް ނެތީމަ ޓެސްޓް ހެދެން ނެތް ވާހަކަ އައިޖީއެމްއެޗުން އެންގި ކަމަށް ޝާކިރު ލިޔުއްވާފައި ވެއެވެ.

އޭގެ އިތުރުން މުހިންމު ބަލިތަކުގެ ފަރުވާއެއް ހަދަން ޖެހޭ ބައެއް ޓެސްޓްތައް ހެދުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަންވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އައިޖީއެމްއެޗް ލެބޯޓަރީގައި މިވަގުތު ލިތިއަމް ޓެސްޓް ހަދަން ބޭނުންކުރާ ރީއެޖެންޓެއްވެސް ނެތެވެ. އަދި ޕެޓްރިޑިޝް އެއްވެސް ނެތެވެ. އަދި މީގެ އިތުރުން، ސްޓްރޯކްޖެހޭ ބަލިމީހުންގެ ލޭހަދިޔާކުރުމަށް ބޭނުންވާ މުހިންމު ބޭސްވެސް ރާއްޖެއިން ލިބޭކަށް ނެތެވެ."

މިކަންކަން ފާހަގަ ކުރައްވައި ޝާކިރު ވިދާޅުވެފައިވަނީ، "މި ކަންކަމަކީ މި ވަގުތު ގިނަ އަދަދެއްގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޒަރޫރީ ބޭސް ނުލިބުމުގެ ހާލަތަށް އިތުރުވާ ހިތްދަތިކަމެއް." ކަމަށެވެ.

މިއީ ރައްޔިތުންގެ ސިއްހަތާއި ސީދާ ގުޅުންހުރި ކަމަކަށްވާތީ މިކަން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ މެދުވެރިކޮށް އަވަސްގޮތެއްގައި ބަލައިދީ އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް ޝާކިރު އެދިލައްވާފައި ވެއެވެ.

"މިއީ ސަރުކާރުގެ އެންމެބޮޑު ހޮސްޕިޓަލްގެ މިއަދުގެ ހާލަތު، ހަމަކުރަންވީ ފަރުވާދިނުމަށް ބޭނުންވާ ސާމާނާއި ބޭސް، ޑޮކްޓަރަށް ދައްކަންދާ ކޮންމެ މީހަކަށް މުވައްޒަފެއް ނޫން. މިހިނދުން މިހިނދަށް އިސްރާފު ކުރުމާއި ދެއްކުންތެރިކަމަށް ކުރާ ޚަރަދުތައް ހުއްޓާލުމަށް އެދި އާދޭސް ދަންނަވަން. މިއީ ނާގާބިލް ކަމުގެ އިންތިހާ." މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ އެކްސްގައި އާންމު ކުރައްވައި ޝާކިރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް