މ. ޗީޒް، އިބްރާހިމް އަޒާން ސުހައިލްގެ މަހާނަ - ފޮޓޯ: މީސްމީޑިއާ
ފީޑިން ޓިއުބެއް ސަރުކާރަށް ފޯރުނުކޮށްދެވި ތުއްތު ކުއްޖަކު ނިޔާވެއްޖެ
އަށް މަހުގެ އެ ތުއްތު ކުއްޖާ މަރުވި މައްސަލަ، ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން މިހާރު ބަލަން ފަށައިފި
މަރްޔަމް މުޙައްމަދު 26 މާރޗް 2026 (ބުރާސްފަތި)   14:55
ފީޑިން ޓިއުބެއް (ކާންދޭން ބޭނުންކުރާ ހޮޅިކޮޅެއް) މަހެއްހާ ދުވަސް ހޭދަވި އިރުވެސް ސަރުކާރަށް ފޯރުނުކޮށްދެވިގެން ނާޒުކު ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ހަ އަހަރުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ.

މ. ޗީޒް، އިބްރާހިމް އަޒާން ސުހައިލް އިއްޔެ ނިޔާވެފައިވާއިރު، އެ ކުއްޖާއަކީ "ކުއަޑްރިޕްލެޖިކް ސްޕާސްޓިކް ސެރެބްރަލް ޕަލްސީ" ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި މަހުގެ ސޯޅަވަނަ ދުވަހު އެ ކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ މީސްމީޑިއާގައި ބުނެފައި ވަނީ، އޭނާގެ ދަރިފުޅަށް ބޭނުންވާ ހޮޅިކޮޅު ހޯދުމަށް އެސްޓީއޯގައި އެދުނުތާ އަށް މަސް ވެގެންދިޔައިރުވެސް ހަބަރެއް ނުވާ ކަމަށާ، ހޮޅިކޮޅު ފޯރުނުކޮށްދެވި ލަސްވަނީ އެންސްޕާގެ އެޕްރޫވަލް ނުލިބޭތީ ކަމަށް އެސްޓީއޯއިން އޭނާއަށް ގުޅާފައި ބުނިކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެސްޓީއޯއިން މިކަމާ ގުޅިގެން ހިންގަން ޖެހޭ މުއާމަލާތް އޮތީ ނުހިންގާ ކަމަށްވާއިރު، އަޒާންގެ އާއިލާއިން ރަސްމީކޮށް އެންސްޕާއަށް އެ ހޮޅިކޮޅު ހޯދުމަށް އެދިފައެއް ނުވެއެވެ.

"ދަރިފުޅަށް ކާން ދެނީ ޕެގް ޓިއުބަކުން. މިދިޔަ އަހަރު ދެ ޕެގް ޓިއުބް ހޯދަން އެސްޓީއޯއިން އޯޑަރުކުރިން. އަދިވެސް ނުލިބޭ. މިހާރު އަށް މަސްވީ. އެސްޓީއޯއަށް ގުޅައި، ހުޅުމާލޭގެ އެސްޓީއޯ ފާމަސީއަށް އެތައް ފަހަރެއްގެ މަތިން ދެވިއްޖެ. މިހާރު ޕެގް ޓިއުބް ކޮންމެހެންވެސް ބަދަލުކުރަން އެބަ ޖެހޭ. އަހަރެން މިހުރީ ގޮތް ހުސްވެފައި. އެއްވެސް ފާމަސީއަކުން ނުލިބޭ،" – ކުއްޖާގެ މަންމަ ޔަޝްފާ (16 މާރިޗު)

އެ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން މިހާރު ބަލަން ފަށައިފި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވާއިރު، އެސްޓީއޯ އިން ބުނީ އެ މައްސަލަ އެ ކުންފުނިން އިންޓާނަލީ ބަލަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނައިރު، އެކުއްޖާއަށް ބޭނުންވާ ކާންދޭ ހޮޅި ފަހުން ފޯރުކޮށްދިން ކަމަށް އެންސްޕާ އިން ބުނެފައިވެއެވެ. އަދި އެވާހަކަ ކުއްޖާގެ މަންމަ ވަނީ މީސްމީޑިއާގައި ވެސް ބުނެފައެވެ. ނަމަވެސް އޭރު މާބޮޑަށް ލަސްވެއްޖެ ކަމަށާ، އެ ލެއްވޭވަރަށް ވުރެ ކުއްޖާގެ ހާލު މާބޮޑަށް ސީރިއަސްވެ އައިޖީއެމްއެޗުގައި އެޑްމިޓްކުރި ދުވަހު އެ ހޮޅިކޮޅު ލިބުނު ކަމަށް އެކުއްޖާގެ މަންމަ ބުނެފައި ވެއެވެ.

އެކި އެކި އިހުމާލުތައް2 ސަރުކާރުގެ އިދާރާތަކުން ވުމުގެ ސަބަބުން މަރުވާ މީހުންގެ މައްސަލަތައް މިހާރު ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނައިރު، އެފަދަ އިހުމާލެއް ވެފައި ވުމުން އެއްވެސް ފަރާތަކަށް ފިޔަވަޅުއަޅާ ޒިންމާކުރެވިފައި ނުވާކަން ފާހަގަކުރެވެ އެވެ.

ކޮމެންޓް