އައިޖީއެމްއެޗް ގައި އަލަށް ފެށި ބެރިއެޓްރިކް ސާޖަރީގެ ފުރަތަމަ ސާޖަރީކުރުމުގެ ތެރެއިން.-- ފޮޓޯ: އައިޖީއެމްއެޗް
ބަރުދަން ލުއިކުރާ ފުރަތަމަ ސާޖަރީ ކާމިޔާބު: އައިޖީއެމްއެޗް
މަރްޔަމް މުޙައްމަދު 3 ޑިސެމްބަރ 2025 (ބުދަ)   08:56
އާދަޔާ ހިލާފަށް ބަރު މީހުންގެ ފަރުވާއަކަށް ކުރާ ބަރުދަން ލުއިކުރާ ސާޖަރީ (ބެރިއެޓްރިކް ސާޖަރީ) ގެ ފުރަތަމަ ސާޖަރީ އައިޖީއެމްއެޗްގައި ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އައިޖީއެމްއެޗުން ރޭ އާންމުކުރި މައުލޫމާތުގައި ބުނީ، މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ މެޑިކަލް ސެންޓަރުގެ ބެރިއަޓްރިކް ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވާ ޑރ.ނިކް ރިޒާ ކޯސައިގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުގެ ބަރުދަން ލުއިކުރާ ފުރަތަމަ ސާޖަރީ ކުރީ ރާއްޖޭގެ އެންމެ ފުރަތަމަ ބެރިއަޓްރިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރު، ޑރ.އަޒްނާ ކަމަށެވެ.

މި ސާޖަރީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި އެ ހޮސްޕިޓަލުގެ ނަރުހުންނާއި، ހޭނައްތާ ޓީމުގެ އިތުރުން ސާޖިކަލް ޓީމުން ކުރި މަސައްކަތް އައިޖީއެމްއެޗުން ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.

ބެރިއަޓްރިކް ސާޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތްކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް، އާދަޔާހިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ.

މި އޮޕެރޭޝަންތަކުން ލިބޭ ފައިދާތަކުގެ ތެރޭގައި ބަލިމިހާ އަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ ބަލިމީހާގެ ހަޔާތަށް އުފާވެރި ކަމާއި ހިތްހަމަޖެހުން އަލުން ގެނުވައި ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ވެސް ހިމެނެއެވެ. އަދި ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް މި ސާޖަރަކީ އެހީއެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭރިއަޓްރިކް ސާޖަރީ ކުރަން ފެށީ އޭޑީކޭ ހޮސްޕިޓަލުގައި މީގެ ފަސް އަހަރު ކުރިންނެވެ. އެކަމަކު، ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗުގައި ވެސް އެ ހިދުމަތް މިހާރު މި ވަނީ ފަށައިފަ އެވެ.

ކޮމެންޓް