
ކުރީގެ ރައީސުންނަށްދޭ އިނާޔަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ކަމަށެވެ.
އައްބާސް ވީދާޅުވީ މަޖިލީހުން ލިބޭ މުސާރައިން ކުލި ދައްކާފައި އަންހެނުނަށް 15،000 ރުފިޔާ ދިނުމުން މަޖިލީހުގެ މެންބަރުންގެ އަތުގައި އެއްވެސް އެއްޗެއް ނޯންނަކަށެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ލިބެނީ 79،600 ވަރަކަށް ރުފިޔާ 82،500 ރުފިޔާއިން ޓެކްސްއަށް ކަނޑާފައި. އަޅުގަނޑުމެން ގޭ ރެންޓު 25،000ރ. ދައްކާފައި، އެއް އަނބި ހުރިއްޔާ އެ އަނބިމީހާއަށް 15،000ރ. ދީފައި ދެން ކޮންމެ ދުވަހަކު ކޮފީއަށް 500 ، 1،000ރ. ދިޔައިމަ އަތަކު ނޯވޭ އެކައްޗެއްވެސް." އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އޭނާ ކުރިން ވެސް އުޅުއްވީ މަޖިލީހުން ލިބޭ މުސާރައަކުން ނޫން ކަމަށެވެ.
"އަޅުގަނޑަށް ހެޔޮ އިންޝުއަރެންސް ނުލިބުނަސް، އަޅުގަނޑަށް ހެޔޮ ހިމާޔަތާއި ރައްކާތެރިކަން ނުލިބުނަސް، އެންމެ ނިކަމެތި ހާލުގައި އުޅުނު ގޮތުގައި ދެން ވެސް އުޅެވޭނެ،" ފުޅާދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި އާއި ކޮންސްޓްރަކްޝަން ވިޔަފާރި ކުރައްވާ އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ކުރީގެ ބައެއް ރައީސުން ގައުމަށް ފައިދާ ކުރަނިވި ކަންކަން ނުކުރައްވާ ކަމަށާ، އެހެންކަމުން ކުރީގެ ރައީސުން އިނާތްތައް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަދި ފަނޑިޔާރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްވެސް އިނާޔަތް ދޭކަން ފާހަގަ ކުރައްވާ އައްބާސް ވިދާޅުވީ އެފަދަ ކުރީގެ ފަނޑިޔާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށެވެ. އެހެންކަމާއެކު ރައީސްކަން ކުރެއްވި ބޭފުޅުންގެ އިތުރުން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ އިނާޔަތްވެސް އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމަށް މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ވެއްޖެ ނަމަ، އެކަމަށްވެސް ސަތޭކަ ޕަސެންޓް ތާއީދު ކުރައްވާނެ ކަމަށެވެ.




