
ޝާހިދު މިފަދައިން ވިދާޅުވީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އަށް އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ. ޝާހިދު މި ސިޓީ ފޮނުއްވީ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަންހިނގާދިޔަ ގޮތާއި ވޯޓް ދިން ގޮތުގެ ތަފްސީލާއެކު އިބުރޭ ހުށަހެޅުއްވި ރިޕޯޓަށް ދެއްވި ޖަވާބެއްގެ ގޮތުގައެވެ.
އެ ސިޓީގައި ޝާހިދު ވިދާޅުވީ، އެ ޖަލްސާގައި ފުރަތަމަ ވޯޓު ނަގައި ނިމުމުން، އެ ވަގުތު އެ ތަނުގައި ތިއްބެވި ވޯޓުލެވޭ މެންބަރުންގެ އަދަދަކީ96 ކަމަށް ރިޔާސަތުން އިބުރޭ އިއުލާން ކުރެއްވި ކަމަށެވެ. އަދި ރިޔާސަތު ނުހިމަނައި ވޯޓުލެވޭ މެންބަރުންގެ އަދަދަކީ 95 ކަމަށް ވެސް ފަހުން އިއުލާން ކުރެއްވިކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އެ އަދަދުތައް އިއުލާން ކުރެއްވުމަށް ފަހު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ފުރަތަމަ ނަން ހުށަހެޅުއްވި އަބްދުﷲ ވަހީދަށް ވޯޓުގައި ލިބިވަޑައިގަތީ 47ވޯޓު ކަމަށާއި އެ ނަން ފާސްވިކަން ވެސް އިބްރާހިމް ވަހީދު ފުރަތަމަ އިއުލާން ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ނަމަވެސް 95 ގެ ދެބައިކުޅަ އެއްބަޔަކީ47 ނޫން ކަމަށް ބުނެ އެ ތަނުގައި ބައެއް މެންބަރުން އިހުތިޖާޖު ކުރެއްވުމުން ރިޔާސަތުން ހިސާބު ހެއްދެވުމަށް ފަހު އިއުލާން ކުރެއްވީ އަބްދުﷲ ވަހީދުގެ ނަން ފާސްނުވާ ކަމަށެވެ. ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔަކަން ފާހަގަކުރެވެ އެވެ." ވަގުތީ ޗެއާޕާސަން ހޮވުމަށް ބޭއްވި ޖަލްސާގައި އިންނެވި ޝާހިދު ވިދާޅުވެފައި ވެއެވެ. "އަދި އެރޭގެ ޖަލްސާ ހަލަބޮލިވެ، ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވުމުން އެ ޖަލްސާ މެދުކަނޑާލެއްވި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ."
އެ ޖަލްސާގައި ހިނގާދިޔަ ހުރިހާ ކަންތައްތަކަކީ އޯޑިއޯ އަދި ވީޑިއޯ ރެކޯޑް ކުރެވިފައިވާ، އެންމެންގެ ކުރިމަތީގައި ހިނގާދިޔަ ކަންތައްތަކެއްކަން ޝާހިދުގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.
ޝާހިދު އެދިވަޑައިގެންފައިވަނީ ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށްފަހު، ވަގުތީ ޗެއާޕާސަން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.
އަދި މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިޚާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއްކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ގޮތަކަށް އަމަލުނުކުރުމަށާއި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށްވެސް ޝާހިދު އެދިވަޑައިގެންފައި ވެއެވެ.




