
ސަނީ އުމަރު މާލެ އައީ އޭނާގެ މައްސަލަތައް ފެންމަތިވުމުން ފިލައިގެން އިންޑިއާއަށް ދިޔުމަށްފަހު އެވެ. ސަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ އެ ކުދިންގެ އާއިލާއިން އޮތީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީޑިއާ ގްރޫޕްގައި ބުނީ، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެފްސީޕީ (ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް) އަށް ހާޒިރުކުރެވުނު ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ސަނީ ފުލުހުންގެ ވެހިކަލަށް އަރުވާ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވިޔަސް، އޭނާ ހައްޔަރުކުރިކަން ނުވަތަ ނޫންކަންވެސް ފުލުހުން މިހާތަނަކަށް ހާމައެއް ނުކުރެއެވެ.
ސަނީގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ.
ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.
ސަނީގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.




