މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހައްގުތައް ހިމާޔަތްކުރުމަށް، ހުޅުވާލެވިފައިވާ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހެއް މުހިންމު
ޖުނާން އަޙުމަދު 24 ނޮވެމްބަރ 2025 (ހޯމަ)   20:43
ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ހަމަޖެހުން ގާއިމްކުރުމަށްޓަކައި، ހުޅުވާލެވިފައިވާ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހެއްގެ މުހިއްމުކަން އެމަނިކުފާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 5 ދައުރުގެ ތަޖުރިބާއިން ފެނިވަޑައިގެންނެވި ކަމަށް އެމްޑީޕީ (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ކުރެއްވި ބައެއް ތަޖުރިބާތައް ހިއްސާކުރައްވައި، ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރަސްމިއްޔާތުތަކެއް ބާއްވާ ތަނެއްގެ ބަދަލުގައި، ޕާލަމެންޓްރީ މަސައްކަތް ކުރާ، މެމްބަރުންނަށް ފަހި ތަނަކަށް ހެއްދެވުމަށް މަޖިލީހުގެ އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އަދި ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ ހަމައެކަނި އިންތިހާބުތައް ނޫންކަމަށާ، ހަރުދަނާ މުއައްސަސާތަކެއްވެސް ބޭނުންވާކަމަށް ވިދާޅުވެ، އެގޮތުން ޑިމޮކްރަސީއެއްގައި މުހިންމުވާ މުއައްސަސާތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކީ ވަކިން ހާއްސަ މުއައްސަސާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މަޝްވަރާކޮށް، ގޮތް ނިންމައި، އެކަން ތަންފީޒުކުރާނެ ގޮތް ކަނޑައަޅާތަންކަމަށާ، އެހެންކަމުން، ދެފުށް ފެންނަ، ހަރުދަނާ އަދި ހުޅުވާލެވިފައިވާ ޤާނޫނު ހަދާ މަޖިލީހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް ފެށޭ މަސައްކަތްތަކަކީ އެހާމެ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެމަސައްކަތްކުރައްވާ ޒުވާނުންނަށް ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.

އަދި އެފަދަ މަސައްކަތްތަކަކީ އެއީ އިންތިހާބުވެފައި ތިބި މަންދޫބުންނާއި އެ މަންދޫބުން ތަމްސީލްކުރައްވާ ރައްޔިތުންނާ ދެމެދު އެޅިގެންދާ ފާލަމެއްގެ ގޮތުގައިވެސް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓް