
ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު މީޑިއާއަށް ވިދާޅުވީ މި ތިން އާއިލާ ވެސް ސަލާމަތް ކުރީ އެއް ސަރަހައްދަކުން ކަމަށާ، އެ މީހުން ސަލާމަތް ކުރީ ރެސްކިއު ބޯޓުތަކެއް ލަންކާ ފުލުހުންގެ އެހީތެރިކަމާ އެކު ބޭނުންކޮށްގެން ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ސަލާމަތް ކުރި އެއް އާއިލާގައި ދެމަފިރިންނާއެކު ތިން ކުޑަކުދިން ވެސް ހިމެނޭއިރު، އެމީހުން ތިބި ގެތަކުގައި 7 ފޫޓާ ހަމައަށް ފެންގަނޑު ބޮޑުވެފައިވެއެވެ. އަދި އެ ތިން އާއިލާ ވެސް ހާލުގައި ޖެހިފައި ތިބީ ލަންކާގެ ކޮލަމްބޯގެ މަލާބޭ ސަރަހައްދުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި، އެ މުއައްޒަފުންގެ މޭކައްޓާ ހިސާބަށް ފެންބޮޑުވެފައިވާ ސަރަހައްދެއްގެ ފެންގަނޑުތެރޭގައި އެމީހުން ހިނގާފައި ގޮސް ދިވެހި ބައެއް އާއިލާތައް ދިރިއުޅޭ ސަރަހައްދުތަކަށް ވަނީ ވާސިލުވެފައެވެ.
އަދި މީގެ އިތުރުން ވެސް ފޯނުން ގުޅައިގެން ލަންކާގައި ތިބި ދިވެހިންގެ ހާލު ބެލުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެމްބަސީގެ މުއައްޒަފުން އަވަދިނެތި އުޅޭ މަންޒަރު ވެސް މީސްމީޑިއާއިން ފެނެއެވެ. އެހެންކަމުން މީސްމީޑިއާގައި ގިނަބަޔަކު އަންނަނީ، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުންނަށް ޝުކުރާއި ތައުރީފު ރައްދުކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ.
ތޫފާން "ޑިޓްވާ" ގެ ސަބަބުން ލަންކާގައި މަރުވި މީހުންގެ އަދަދު މިހާރު 334 އަށް އަރައިފައި ވާއިރު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 370 އަށް އަރައިފައެވެ. އެ ތޫފާނުގެ އަސަރު 309،607 އާއިލާއެއްގެ 1،118،929 މީހުންނަށް ކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.




