
އިއްޔެ ހަވީރު ފެށި މި މުބާރާތަކީ މި އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާއިރު، ކޮންމެ ޗެމްޕިއަން ޓީމަކަށް 150،000ރ. އަދި ކޮންމެ ރަނަރަޕް ޓީމަކަށް 75،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފައި ވެއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ، މާޅޮސް، ތުޅާދޫ، ހިތާދޫ، ގޮއިދޫ އަދި ފެހެންދޫ އެވެ. އަދި އަންހެން ޑިވިޝަންގައި ވާދަކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫ، ދޮންފަނު، ދަރަވަންދޫ، އޭދަފުށި ހިމެނޭ ގޮތަށް 5 ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި، އަންހެން ޑިވިޝަނުން އޭދަފުއްޓާ ދޮންފަނު ބައްދަލުކުރި އިރު، ދެވަނަ މެޗުގައި ކިހާދޫ އާއި ގޮއިދޫ ވަނީ ބައްދަލުކޮށްފައެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ދޮންފަނާއި ދެކޮޅަށް ފެހެންދޫ، ދެވަނަ މެޗުގައި ކުޑަރިކިލު އާ ދެކޮޅަށް ހިތާދޫ ބައްދަލުކުރިއެވެ.
ބ. އަތޮޅުގައި ދެ ޖިންސުން ވެސް ފުޓްސަލްއާއި ފުޓުބޯޅައިގެ އިތުރު ތަރިންތަކެއް އުފެއްދުމުގެ މަގުސަދުގައި 2023 ވަނަ އަހަރު ބ. އަތޮޅު ކައުންސިލުން ފެށި މި މުބާރާތް ޝަރަފްވެރި ކޮށްދެއްވުމުގެ އިތުރުން، ރައީސް އިބޫގެ މި ދަތުރުފުޅުގެ ތެރެއިން ބ. އަތޮޅު ކައުންސިލާއި، އެމްޑީޕީގެ މެންބަރުންނާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.




