އިބްރާހިމް އިފްރާހު އަރީފް (އިފްރާ)
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
25 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   23:06
ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު، އިބްރާހިމް އިފްރާހު އަރީފް (އިފްރާ)، މިރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

އުމުރުން 36 އަހަރުގެ އިފްރާ އަށް މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި އައީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭ ހިމެނޭ އިފްރާ އަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ލޭ އެޅުނެވެ. ލޭތައް ނެގުމަށް ހޯމަ ދުވަހު ހަވީރު ސާޖަރީއެއް ވެސް ހެދި އެވެ. އެކަމަކު އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާ އެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވައިފަ އެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާ ބޮޑަށް ފާހަގަވާން ފެށީ، މާޒިޔާގަ އެވެ.

ރާއްޖޭގެ އުމުރުފުރާގެ ގިނަ ގައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓި، އިފްރާހު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ގިނަ ކޯޗުންގެ ލޮލުގައި އަޅައިގަތް ކުޅަދާނަ ކީޕަރެއްގެ ގޮތުގައި ފެނިފައިވާ އިފުރާހު ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި އޭނާ ކުޅެފައި ވެއެވެ.

އިފްރާ ރާއްޖެ ސީނިއާ ގައުމީ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2007 ގަ އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަގާމް ދެމެހެއްޓި އެވެ. އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުމެވެ. އިފްރާ އަކީ އެ ފަހަރު ތަޖުރިބާކާރު ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި، ހަސަން ރަމީޒް (ޓިމޮޓީ) ގެ ފަހަތުން ޓީމުގެ ރިޒާވް ކީޕަރެވެ.

ފުޓްބޯޅަ ކެރިއަރަށް ފަހު، އިފްރާ، ބޮޑަށް ހަރަކާތްތެރިވަމުން އައީ ސްޕޯޓްސް ފިޝިންގަ އެވެ.

ކޮމެންޓް