ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައި - ފޮޓޯ: ޒިންހުއާ ނިއުސް
ރާއްޖެއިން 50 ހާސް ޑޮލަރާއި، 25 ހާސް މަސްދަޅު ކޭސް ލަންކާއަށް ފޮނުވަނީ
މަރްޔަމް މުޙައްމަދު 29 ނޮވެމްބަރ 2025 (ހޮނިހިރު)   10:31
މޫސުމީ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އަވައްޓެރި ސްރީލަންކާއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ދިވެހިރާއްޖެއިން 50 ހާސް އެމެރިކާ ޑޮލަރާއި 25،000 ކޭސް މަސްދަޅު ލަންކާއަށް ހަދިޔާކުރުމަށް ނިންމައިފި ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ، "ޑިޓްވާ" ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަގުސަދުގައި ކަމަށެވެ.

އަދި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުން ސްރީލަންކާގެ ރައްޔިތުންނާއެކު ތިބިކަމާއި، މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލުއިކަމެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

"މިއީ އަވައްޓެރި ސްރީ ލަންކާ އާއި އެ ގައުމުގެ ރަހުމަތްތެރި މީސްތަކުންނާއެކު ދިވެހިން ތިބިކަން ދައްކައިދޭނެ ނިޝާނެއް. މީގެ ސަބަބުން، ލަންކާ ސަރުކާރުން އާންމުންނަށް ފޯރުކޮށްދެމުންދާ އެމަޖެންސީ ހިދުމަތްތަކަށް އެހީތެރިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ އެ ގައުމަށް މިހާތަނަށް އެވަރުގެ މުއްދަތެއްގައި ވެހުނު އެންމެ ގިނަ ވާރޭގެ މިންވަރު ކަމަށާ، މޫސުން ގޯސްވެ ކުރަމުންދާ މި ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 70 އަށް މިހާރު އަރާފައި ވާއިރު، ވީނުވީއެއް ނޭނގި ގެއްލިފައި ވެސް ގިނަބަޔަކު ވެއްޖެކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އަދި ބިންގަނޑު ކަނޑައިގެން ދިޔުމާއި ކޯރުތައް ބަންޑުންވުމުގެ ސަބަބުން 43،000 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ.

މި ނުރައްކާތެރި މޫސުމީ ހާލަތާ ގުޅިގެން ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރެޑް އެލާޓް ނެރެފައެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމަށް ދިވެހި އެމްބަސީއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެއެވެ.

ތޫފާނުގައި ގެއްލުން ލިބެމުން އަންނަ މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމަށް ލަންކާ ސިފައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުން އަންނައިރު، އާންމުންނަށް އެހީތެރިވުމަށް އެމަޖެންސީ އިންތިޒާމްތަކެއް، ލަންކާގެ ރައީސް ޑިސަނަޔަކެ ވަނީ ހަމަޖައްސައިދެއްވާފައި ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.

ކޮމެންޓް