ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ދެނެއް ނުކުރެވޭނެ – އިހުސާން
ފިޔެސް 13 ނޮވެމްބަރ 2025 (ބުރާސްފަތި)   14:59
ރާއްޖޭގައި ޑްރަގްގެ ވިޔަފާރި ދެނެއް ނުކުރެވޭނެ ކަމަށާ ގާނޫނުގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު ހިންގާ "އޮޕަރޭޝަން އަލިމަގު" އަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަންކަން ފާހަގަ ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ އޮޕަރޭޝަން ހުއްޓާލާނީ އެ ވަބާ މުޅި ރާއްޖެއިން ނައްތާލުމަށްފަހު ކަމަށެވެ.

މި އޮޕަރޭޝަންއާ ގުޅޭގޮތުން ފުލުހުން އާންމުކުރި ވީޑިއޯ އެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މިއަދުގެ ފަތިހުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައިވެސް އޮޕަރޭޝަން ކުރިއަށްދާކަމަށާއި، މި އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން ފުލުހުން އެއްކުރި އިންޓަލެޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި އެތެރެކޮށްފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ހޯދައި، ނެގެމުންދާ ކަމަށެވެ.

ފުލުހުން އާންމުކުރި ވީޑިއޯ އިންޓަވިޔުގައި އިހުސާން ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖެއްވެސް ދެއްވާފައެވެ.

"ދެން ޖެހޭނީ މިކަން (މަސްތުވާތަކެތީގެ ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުސަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން މިއއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެމީހުންނަށް އުޅެން އުނދަގޫކުރާނަން މި މަސައްކަތުގައި އުޅޭކަމަށް ވެއްޖިއްޔާމު." މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ފަތިހު 05:30 ގައި ފެށި "އޮޕަރޭޝަން އަލިމަގު" ގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށް، ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އެބަ ގެންދެއެވެ.

ކޮމެންޓް