
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުގައި ބުނީ، މި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ ދީނާއާއި ޝަމްޢޫން 2018 ޖޫން 25، ގައި ފެނަކައިގެ ހުރިހާ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑު ސެންޓަރަކާއި، ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކުންފުންޏަކާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
މީގެ އިތުރުން ކެއިރެޓްސޫން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ ފެނަކައަށް ލިބިދިނުމުގައި ދެ މީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށްވެސް ދައުލަތުން އުފުލި ދައުވާގައިވެއެވެ.
މި ދައުވާތަކުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލުގައި ބަންދުކުރުމެވެ.
މި މައްސަލައިގާވެސް ހިމެނޭ ދީނާ އަކީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިހާރު ތަންފީޒުކުރަމުންދާ ޖަލު ހުކުމުގެ މައްސަލައިގަވެސް ހިމެނޭ ފަރާތަކެވެ. ސެޕްޓެމްބަރު 28 ވަނަ ދުވަހު ސައީދުގެ މައްޗަށް ގާޒީ ހުކުމް އިއްވިއިރު ވިދާޅުވީ ދީނާގެ މައްސަލަ ފަސްދުވަސް ފަހުން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންނަމަވެސް މިވީހާތަނަށް އެ މައްސަލައިގާ ދީނާގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެއެވެ.




