
މައުލޫމާތު ލިބޭ ގޮތުން، އިންޖީނުގޭގައި އަދިވެސް ހުރީ ރޯވެފައެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލެއްވެސް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ، ލ.ގަން ތުނޑި، އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިންޖީނުގެ އިމާރާތުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ. އެ ތަނުން ގިނަ އަދަދެއްގެ ކަޅު ދުން އަރައި، އަލިފާނުގެ ހުޅުގަނޑު ފުރާޅުން މައްޗަށް ފެންނަން ހުރެއެވެ.
"3 ޑިސެމްބަރު 2025 ވަނަ ދުވަހު 14:50 އެހާކަންހާއިރު، ލ.ގަން ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުން." ފުލުހުންގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވެއެވެ.
ފަހުން ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ލ.ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ވަނީ ނިއްވާލާފަ އެވެ.
މި ހާދިސާގެ ސަބަބުން އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




