މައްސަލަ ބައްލަވަމުން ގެންދަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އާދަމް މުޙައްމަދު.--
ފެނަކަ ކޮރަޕްޝަންގައި ހިމެނޭ ދީނާއަށް އާ ހެކި ހުށަހަޅަން ފުރުސަތު ދީފި
މި މައްސަލައިގާ ހިމެނުނު ފެނަކަ ސައީދު ދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން
ޖުނާން އަޙުމަދު 25 ނޮވެމްބަރ 2025 (އަންގާރަ)   13:44
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު، އެ މައްސަލައިގާ ހިމެނޭ ޏ.ފުވައްމުލައް-ހޯދަޑު/މައިޒާން، މަރްޔަމް ދީނާ ޞާލިޙު އަށް އޭނާގެ ދިފާއުގައި އާ ހެކި ހުށަހެޅުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފިއެވެ.

ސައީދު އާއި ދީނާގެ މައްޗަށްވެސް ދައުލަތުން އުފުލީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސައީދުގެ މައްޗަށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ 2025 ސެޕްޓެމްބަރު 28 ގައެވެ.

އެދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގެ ދައުވާގެ ހުލާސާގައި ބުނެފައި ވާގޮތުން، ދީނާގެ ބައި އެދުވަހު ކުރިއަށް ނުގެންދިޔައީ އޭނާގެ ބަލި ހާލަތު ހުރިގޮތުންނެވެ.

"މި މައްސަލައިގާ ހިމެނޭ މަރްޔަމް ދީނާ ޞާލިޙުގެ ބަލި ހާލަތު ހުރިގޮތުން، އެފަރާތުން ޝަރީއަތަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށް ބުނެ މެޑިކަލް ލިޔެކިޔުންތަކެއް ހުށަހަޅާފައިވާތީ، މަރްޔަމް ދީނާ ޞާލިޙުގެ ބައި 5 ދުވަސް ފަހުން ކުރިއަށް ގެންދާ ގޮތަށް ނިންމައި، މި ގަޒިއްޔާގައި ގޮތެއް ކަނޑައެޅިފައިވަނީ އަޙްމަދު ސަޢީދު މުޙައްމަދުގެ ބައިގައި އެކަނި ކަމަށް ފާހަގަ ކުރަމެވެ." ދައުވާގެ ޚުލާސާގައި ބުނެފައި ވެއެވެ.

ސައީދަށް ހުކުމް އިއްވިއިރު ގާޒީ ވިދާޅުވި ފަދައިން މި މައްސަލަ ކުރިއަށް ނުދާތީ އެކަމާ ގުޅޭގޮތުން ފިޔެސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭގެ ފަހުން ދެ ދުވަހެއްގައި ދީނާގެ ޝަރީއަތް ޝެޑިއުލް ކުރިކަމަށެވެ. އެ ދެ ދުވަހުވެސް އަޑުއެހުން ކެންސަލް ކުރީ އޭނާގެ ބަލިހާލަތު ހުރިގޮތުން، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށް ލިޔެކިޔުން ހުށަހަޅުމުން ކަމަށެވެ.

އަދި އޭގެ ފަހުން މިމަހުގެ 10 ވަނަ ދުވަހު ދީނާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ކަމަށާ، ދީނާގެ ފަރާތުން އާ ހެކި ލިބިފައިވާކަމަށް ބުނާތީ އެ ފުރުސަތު މިހާރު ދީނާއަށް ދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެއް މައްސައިލައިގާ ހިމެނޭ އެކަކުގެ ހުކުމް ތަންފީޒުކުރަމުންދާއިރު އަނެކަކަށް އެ ފުރުސަތު އެ ލިބެނީ ކިހިނެއްތޯ ދެންނެވުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެއީ ގާޒީގެ ނިންމެވުމެއް ކަމަށެވެ.

މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު އެ ގޮތަށް ނިންމެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާ އަކީ "ޝަރީޢަތުގެ އަޑުއެހުން ނިންމުން" އެވެ. އެ މާއްދާގެ (ނ) ގައި ބުނަނީ؛ މައްސަލައަކާ ގުޅޭގޮތުން ކުރިން ލިބިފައިނުވާ އާ ހެކި ލިބިފައިވާ ޙާލަތުގައި، އަދި އެ ހެކި ޝަރީޢަތަށް ހުށަހެޅުމަކީ ޢަދުލުއިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތެއްގައި، އެ މައްސަލައިގެ އަޑުއެހުންތައް އަލުން ހުޅުވާލެވޭނެ ކަމަށެވެ.

އެ އުސޫލުގެ ދަށުން ދީނާއަށް ފުރުސަތު ދީފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި ހެކި ބަލައިގެންފިނަމަ އޮންނާނީ އެކަމާ މެދު ވާހަކަ ދައްކައި ހުކުމް އިއްވުން ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދިނެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދާ ގޮތުގައި އެއް މައްސަލައެއްގައި ދެގޮތަށް އަމަލު މި ކުރަނީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ ނުފޫޒުންނެވެ.

ކޮމެންޓް