
ގަން ތުނޑީ އަވަށުގައި ހުންނަ ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވީ މިއަދު މެންދުރު ފަހުު 14:45 ހާއިރު ކަމަށާ، ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ނިއްވާލެވިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށާ، މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.




