
ވެކްސިންގެ ގައުމީ ޝެޑިއުލްގައި ހިމާނާފައި މި ދެ ވެކްސިން އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެއް ކަމަށްވާ "ނިއުމަ ކޯކަލް" އަދި، ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެއް ކަމަށްވާ "ރޯޓާ ވައިރަސް" ވެކްސިން ކަމަށް، ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު އިއްޔެ މީޑިއާ އަށް ވިދާޅުވިއެވެ.
މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން، އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތައް ހިމެނިފައި ވާއިރު، ނިއުމޯ ކޮކަލް އަދި ރޮޓާ ވައިރަސްއަކީ، އޮޕްޝަނަލް ދެ ވެކްސިންގެ ގޮތުގައި ހިމެނިފައިވާ ދެ ވެކްސިންއެކެވެ.
ނާޝިޔާ ވިދާޅުވީ، އިއްޔެއިން ފެށިގެން އެ ދެ ވެކްސިން ވެސް ގައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށާ، އެ ދެ ވެކްސިނަކީ، ކުރިން އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ގަނެގެން ދޭ ވެކްސިންތަކެއް ކަމަށް ވީނަމަވެސް ގައުމީ ޝެޑިއުލްގެ ތެރޭގައި އެ ދެ ވެކްސިން ހިމެނުމުން އެހެން ވެކްސިންތަކެކޭ ވެސް އެއްގޮތަށް އެއްވެސް އަގަކާ ނުލާ އެ ވެކްސިންތައް ދެމުން ގެންދާނެ ކަމަށެވެ.
އާސަންދައިން ކަވަރ ކުރާ މި ވެކްސިންތައް ދޭނީ، އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށް ކަމަަށް ނާޝިޔާ ވިދާޅުވިއެވެ.




