
ފުލުހުން ރޭ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަން ހިންގީ މި މަހުގެ 2 އަކުން 13 އަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ގއ.މާމެންދޫ އިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނަކާއި ގދ.ވާދޫ އިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި ހުސްބިންތަކެއް ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ހޯދާފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަން 12 ކިލޯއަށް އަރާކަމަށް ފުލުހުން ބުންޏެވެ.
މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އަނެއް މީހަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ މައުލޫމާތު ކުރިން މީޑިއާތަކަށް ހިއްސާނުކުރީ، މި އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ތަންތަނަކީވެސް "އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރެވުނު ތަންތަނަށް ވެފައި މައުލޫމާތު ހާމަކޮށްފިނަމަ "އޮޕަރޭޝަން އަލިމަގު" އަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ ކަމަށެވެ.
މިއާއެކު، އިތުރަށް މަޑުނުކޮށް، ލިބެމުން ދިޔަ މައުލޫމާތަށް ބަލައި ހެކި ގެއްލިދާނެ ކަމުގެ ފުރުސަތު އޮތުމާއެކު އޮޕަރޭޝަންގެ މި ބައި ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށެވެ.
މި މައްސަލައިގައި މި މީހުން ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ޖެހި ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން އާންމެއް ނުކުރެއެވެ. އަދި އެއީ ކީއްވެތޯ ފުލުހުންގެ މީޑިއާ ގްރޫޕްގައި ސުވާލުކުރުމުންވެސް ފުލުހުން އެ ސުވާލަށް ޖަވާބު ދީފައެއް ނުވެއެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.




