
މީސްމީޑިއާގައި މިކަން ހިއްސާކޮށް މޯލްޑިވިއަން ސީޕްލޭން އިން އިއްޔެ ބުނެފައި ވަނީ، ވެލިދޫއަށް ސީޕްލޭންގެ ފުރަތަމަ ދަތުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ މަހުގެ 23 ވަނަ ދުވަހު ކަމަށާ، ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން ޓިކެޓު ބުކް ކުރެވޭނެ ކަމަށެވެ.
އަދި ބުދަ ދުވަހާއި ހުކުރުދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާ، ދަތުރުތައް ފުރަތަމަ ފަށާ އަގަކީ ދިވެހި ރައްޔިތަކަށް ނަމަ ކޮޅަކަށް 999ރ. އަށް ކަމަށާ، ފޯނުންގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ 1671 ނަމްބަރަށް ގުޅުއްވުމަށް ވެސް މޯލްޑިވިއަން ސީޕްލޭން އިން އެދިލައްވައެވެ.
މި ހިދުމަތް ވެލިދޫގައި ފެށިގެންދާތީ ނުހަނު އުފާކުރައްވާކަމަށް ވިދާޅުވެ، ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ޙުސެއިން ވިދާޅުވީ، ސީޕްލޭން ނުވަތަ (ކަނޑަށް ޖައްސާބޯޓު) ގެ ހިދުމަތް ވެލިދޫއަށް ފެށުމަކީ، ވެލިދޫ ކައުންސިލްގެ ފަތުރުވެރިކަމުގެ ޕްލޭންގައި ހިމެނޭ ކަނެކްޓިވިޓީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ވެލިދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ، ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް 2023 ވަނަ އަހަރުގެ ޖުލައިމަހު "މޯލްޑިވިއަން" ގެ އިސްވެރިންނާއިއެކު ކުރެވުނު މަޝްވަރާތަކުން މޯލްޑިވިއަން އިން އެކަމަށްޓަކައި ކުރަންޖެހޭ ސަރވޭ ކޮށް، 22 އޯގަސްޓް 2023 ގައި ކޮންސެޕްޓް ފައިނަލް ކުރެވިގެން ފެށުނު މަޝްރޫއެއް ކަމަށެވެ.
އަދި އެއަށްފަހު އެކަމާބެހޭ އެއްބަސްވުންތަކުގައި ސޮއިނުކުރެވި ވަނިކޮށް ސަރުކާރު ބަދަލުވުމާ ގުޅިގެން އެ މުއާމަލާތްތައް ހުއްޓި، އެކިގޮތްގޮތުން މަސައްކަތްކޮށްގެންވެސް ކުރިއެރުމެއް ނުލިބިވަނިކޮށް 23 ޖުލައި 2025 ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވެލިދޫއަށް ވަޑައިގެން، ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެކަމުގެ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއާ ހިއްސާކުރުމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން އެބައްދަލުވުމުގައި ދެއްވި ކަމަށް ވެސް އާޠިފް ވިދާޅުވިއެވެ.
އެ ބައްދަލުވުމަށް ފަހު، އެ ދުވަހުގެ ރޭ ވެލިދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާ، ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމްކޮށް، ލަސްވެގެން އަންނަ ޖެނުއަރީމަހުގެ ތެރޭގައި ސީޕްލޭން ދަތުރުތައް ފައްޓަވާނެކަމަށް ވައުދުވެލައްވާފައިވާ ކަން އާޠިފް ފާހަގަކުރެއްވިއެވެ.




