
މިކަމުގެ ކަންބޮޑުވުން އައްބާސް ފާޅުކުރެއްވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.
އައްބާސް ވިދާޅުވީ ފާއިތުވި 2024 އާއި 2025 ވަނަ އަހަރު ނިމިގެންދިޔައިރު، ބަޖެޓުގެ ގޮތުގައި 110 ބިލިއަން ރުފިޔާ މި ސަރުކާރުން ހުސްކޮށްލިއިރު، ވެލިދޫ ދާއިރާގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާ، އެ ދާއިރާގެ އިތުރުން، މުޅި ރާއްޖެއަށް ބަލައިލި ނަމަވެސް ފެނިގެންދަނީ އިގުތިސޯދު ހީނަރުވެ ވިޔަފާރިތައް ބަނގުރޫޓުވެގެން ގޮސް ހުއްޓާލުމަށް މަޖުބޫރުވެފައިވާ މަންޒަރު ކަމަށެވެ.
"އިއްޒަތްތެރި ރައީސް، އަޅުގަނޑުގެ ކަންބޮޑުވުމަކީ ދެހާސް ސައްވީސް އަދި ދެހާސް ފަންސަވީސް ވަނަ އަހަރު ނިމިގެންދިޔައިރު، ސަތޭކަ ދިހަ ބިލިޔަން ރުފިޔާގެ ބަޖެޓުން އަޅުގަނޑުގެ ދާއިރާގައި ހިމެނޭ ތިން ރަށުން ކުރެ އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫއެއް ނުނިމި އޮތުން،" އައްބާސް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާއަކީ ވެލިދޫ، ފޮއްދޫ އަދި ޅޮއްސެވެ. ބައެއް މަޝްރޫއުތައް ފެށި ނަމަވެސް މަޑުޖެހިފައިވާ ކަން ފާހަގަކޮށް އައްބާސް ވިދާޅުވީ، އެ ދާއިރާގެ ފޮއްދޫ ބަނދަރުގެ މަސައްކަތް މިއަހަރު ފެށި ނަމަވެސް އެކަން ވެސް ކުރިއަށް ދަނީ ބަރަވެލި ދުވެލީގައި ކަމަށެވެ.
އަދި ފާއިތުވި ސަރުކާރުން ކުރިއަށްގެންގޮސް 85 ޕަސެންޓު ނިންމާފައިވާ ނަރުދަމާގެ މަސައްކަތް ވެސް ވަނީ ހުއްޓިފައިކަން އައްބާސް ފާހަގަކުރެއްވިއެވެ.
އެ ދާއިރާ ނިސްބަތްވާ ރަށް، ވެލިދޫގައި ސަރުކާރުތަކުން ގިނަ ޕްރޮޖެކްޓުތަކެއް ފެށި ނަމަވެސް ހޮސްޕިޓަލުގެ ބިންގާ އޮތީ އެޅި ގޮތަށް ކަމަށް ވިދާޅުވެ އައްބާސް ވިދާޅުވީ އެރަށުގައި ވެސް ގިނައީ އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާ މަޝްރޫއުތައް ކަމަށެވެ.
ބަޖެޓަށް އަމަލުކޮށް އެކަންކަން ކުރާނެކަން އެނގޭނީ އަންނަ އަހަރު ނިމުނީމަ ކަމަށް ވިދާޅުވެ، އުފާވެރި މަންޒަރެއް ފެންނަނީ ބަޖެޓު ފޮތުގައި ލިޔެފައި އޮތް އެއްޗަކަށް ބެލުމުން ކަމަށް އައްބާސް ވިދާޅުވިއެވެ.
"އަންނަ އަހަރުގެ ބަޖެޓު ކިތަންމެ އުޖާލާ ނަމަވެސް ބަޖެޓުގައި އޮތް ގޮތަކަށް އަމަލުކުރާނެ ކަމަކަށް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ އަމަލުތަކަށް ބަލާއިރު އުންމީދެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅާފައި ވާއިރު، ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ސަރުކާރަށް ލިބެއެވެ. އަދި ހަރަދަކީ 57 ބިލިޔަން ރުފިޔާ ކަމަށް ވާއިރު، ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ.
އަދި އެ ބަޖެޓުގެ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާއިރު މިއީ ބަޖެޓުގެ 62 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.




