ޕީއެންސީއަށް ވަގު ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މިނިސްޓަރު އިހުސާން ބައްލަވަނީ
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭ ހަތަރު ޕާޓީ ހާމަކޮށްފި
ޖުނާން އަޙުމަދު 6 ޑިސެމްބަރ 2025 (ހޮނިހިރު)   14:31
އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުން ފައިސާ ލިބުމަށް ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އީސީ (އިލެކްޝަންސް ކޮމިޝަން) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހޭއިރު، އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަން ބަޔާންކޮށްފައި ވެއެވެ.

އެ ފައިސާ ލިބޭ ހަތަރުޕާޓީ ހާމަކޮށް މިއަދު އީސީން މީސް މީޑިއާގައި އާންމުކުރި މައުލޫމާތަށް ބަލާއިރު، އަންނަ އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމުގައިވާ، މިދިޔަ މަހުގެ 25 ގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ އެ ކޮމިޝަންގައި ރަޖިސްޓާކޮށްފައިވާ ހަތަރު ޕާޓީއެއްގެއެވެ.

އެގޮތުން މިދިޔަ މަހުގެ 25 ގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީ އާއި، އިދިކޮޅު އެމްޑީޕީ، އަދި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން މިވަގުތު ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައި ކަމަށް ވާއިރު އެ ޕާޓީގައި 68،665 މެންބަރުން ތިބިކަމަށް ދައްކައެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބިކަމަށް އީސީގެ ހިސާބުތަކުން ދައްކާ އިދިކޮޅު އެމްޑީޕީގައި 43،765 މެންބަރުން އެބަތިއްބެވެ.

މިއަހަރު އީސީން ފައިސާ ދޫކޮށްފައިވަނީ ސިޔާސީ ފަސް ޕާޓީއަކަށެވެ. އެއީ، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް، މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ވަރަށް ބޮޑު ސިޔާސީ ހިޔާލު ތަފާތުވުން އެކަމުގައި އުފެދުފައުވާ ކަމެއް ކަމަށް ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ގިނަބައެއްގެ ޝަކުވާ އުފެދިފައި ވަނީ މިހާރު ވެރިކަންކުރާ ޕީއެންސީން ގަވާއިދާ ހިލާފަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ކޮށް އެތައްބައެއްގެ ސޮޔާއި ފިންގަޕްރިންޓު އޮޅުވާލައިގެން ޖަހާފައިވާއިރު އެކަންކަން އެއްވެސް ވަރަކަށް ބަލައި ފިޔަވަޅު އެޅިފައި ނުވުމުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 64.2 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވާއިރު، އީސީން ބުނެފައިވަނީ، މި އަހަރު ފަސް ޕާޓީއަށް ދޫކުރި ފައިސާގެ އަދަދު ޖުމުލަ 27.9 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ކޮމެންޓް