އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޓިކްޓޮކް މުބާރާތުގެ އިޝްތިހާރެއް.--
އިލެކްޝަންސް ކޮމިޝަންގެ ޓިކްޓޮކް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
މަރްޔަމް މުޙައްމަދު 28 ޑިސެމްބަރ 2025 (އާދީއްތަ)   17:23
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅިގެން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދިޔުމަށް ޓިކްޓޮކް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނީ، "ރަށުގެ ކުރިމަގު"ގެ ނަމުގައި ޓިކްޓޮކް ވީޑިއޯ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މުހިންމުކަން އާންމުންނަށް އޮޅުންފިލުވައިދީ، ވޯޓުލުމަށް ބާރުއެޅުމަކީ މި މުބާރާތުގެ މައިގަނޑު މަގްސަދު ކަމަށެވެ.

މި މުބާރާތާ ގުޅޭގޮތުން އީސީން ނެރުނު ގަވާއިދުގައިވާ ގޮތުން، އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުން ފިޔަވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް، އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓްރީވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އީސީން ބުނެފައިވާގޮތުގައި ބައިވެރިންނަށް ހަތަރު މައުލޫއެއްގެ މައްޗަށް ވީޑިއޯ ތައްޔާރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ:

  • ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް
  • ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިހާބުގައި ވޯޓުލުމުގެ މުހިންމުކަން
  • އިންތިހާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަން
  • އިންތިހާބުގެ ދުވަސްވަރު ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް އެކި މަސްދަރުތަކުން ލިބޭ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން.

މުބާރާތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ ބައިވެރިއަކަށް ވެސް އެއް މައުލޫއަށް އެއް ވީޑިއޯ، ނުވަތަ ހަތަރު މައުލޫއަށް ވެސް، ކޮންމެ މައުލޫއަކަށް ވީޑިއޯ ތައްޔާރުކުރެވޭނެ އެވެ. ވީޑިއޯތަކުގެ ދިގުމިނަށް ބަލާއިރު، އެންމެ ކުރުކޮށް 30 ސިކުންތަށާއި އެންމެ ދިގުކޮށް ދޮޅު މިނެޓަށްވެސް ވީޑިއޯ ހެދޭނެއެވެ. ވީޑިއޯތައް ހުންނަންވަނީ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަނުވެ ކަމަށްވެސް އީސީން އާންމުކުރި ގަވައިދުގައި ބުނެފައި ވެއެވެ. 

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ މީހުންގެ ވީޑިއޯތައް ކޮމިޝަނަށް ފޮނުވުމަށް އެދިފައިވެއެވެ.

މި މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށްފަހު، އެއްވަނައަށް ހޮވޭ ފަރާތަކަށް 5,000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 3,000 ރުފިޔާ، އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، މުބާރާތުގައި ގެނެސްދޭ ވީޑިއޯތައް މެދުވެރިކޮށް  ކުރިއަށް އޮތް ދެ އިންތިހާބާމެދު އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި އީސީގެ ޓިކްޓޮކް އެކައުންޓް ޕްރޮމޯޓް ކުރުމަށާއި، އިންތިހާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އިންތިހާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުން ކަމަށް އީސީން ބުނެފައި ވެއެވެ.

ކޮމެންޓް