
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ކަރުދާސް ފޯމުގެ ބަދަލުގައި އެ ކޮމިޝަނުން ބަލައިގަންނާނީ އިލެކްޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ފޯމާއެކު ކުށާއި، ދަރަނީގެ ރެކޯޑުވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާ، ކުރިން އޮންނަ ގޮތުން ނަމަ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދުމަށްފަހު ފޯމު ހުށަހަޅަން ޖެހުނު ނަމަވެސް މި އިންތިހާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާއީދު ކުރުމުގެ ރިކުއެސްޓް ފޮނުވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަދި އިންތިހާބަށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލައި، ފޯމު ހުށަހަޅާނެ ގޮތުގެ ތަފްސީލީ ގައިޑެއް އާންމުކުރާނެ ކަމަށާ، ޕޯޓަލް ހުޅުވާލުމުން ކޮންމެ ކެންޑިޑޭޓަކަށްވެސް ފޯމު ފުރިހަމަކޮށް ޕޯޓަލްގައި ސޭވް ކުރެވުނު ނަމަވެސް ފޯމު ހުށަހެޅޭނީ، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލުމުން ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އަދި މައި ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނަ ގޮތަށް ބަދަލުކުރި ނަމަވެސް އިންތިހާބާ ގުޅޭ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ، ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.




