އިންޓަ މިއާމީން އެމްއެލްއެސް ކަޕް ކާމިޔާބުކޮށް އުފާ ފާޅުކުރަނީ - ފޮޓޯ: އޭޕީ
މެސީގެ ކެޕްޓަންކަމުގައި ކުޅޭ މިއާމީން ފުރަތަމަ ފަހަރަށް އެމްއެލްއެސް ކަޕް ގެންގޮސްފި
ޖުނާން އަޙުމަދު 7 ޑިސެމްބަރ 2025 (އާދީއްތަ)   10:01
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ އިންޓަ މިއާމީން އެމްއެލްއެސް ކަޕްގެ ތަށި ކާމިޔާބުކޮށްފިއެވެ.

މިއީ މިއާމީއަށް އެމްއެލްއެސް ތަށި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، އެމެރިކާގެ ޗޭސް ސްޓޭޑިއަމްގައި ވެންކޫވާ ވައިޓްކެސްޕާ އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އިންޓަ މިއާމީން ކުރި ހޯދާފައިވަނީ 3-1ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި، މިއާމީގެ ޓަޑެއޯ އަލެންޑޭ ހުއްޓުވަން އުޅުމުގެ ތެރޭގައި ވެންކޫވާގެ އެޑިއާ އޮކަމްޕޯ އަތުން ބައިކޮޅަށް ވަން ގޯލުން މިއާމީން ލީޑު ނެގުމުން، ވެންކޫވާ އިން އެއްވަރުކުރަން ކުރި މަސައްކަތުގައި އެމަނުއަލް ސަބީ ޖެހި ބޯޅަ މިއާމީ ކީޕަރު ރޮކޯ ރިއޯސް ވަނީ މަތަކޮށްފަ އެވެ.

އެއަށްފަހު ވެންކޫވާގެ ތޯމަސް މުލާ ޖެހި ބޯޅަ ވެސް ދިޔައީ ގޯލުގެ މަތިންކަމަށް ވީނަމަވެސް މެޗުގެ 60 ވަނަ މިިނިޓްގައި ވެންކޫވާގެ އަލީ އަހުމަދު އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗްގެ 71 ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން ރޮޑްރީގޯ ޑެ ޕޯލް ޖެހި ގޯލުން މިއާމީން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓްގައި މެސީ ދިން ބޯޅައަކުން އަލެންޑޭ ޖެހި ލަނޑާ އެކު މިއާމީން ލީޑު ފުޅާކޮށް ތަށި ވަނީ ޔަގީންކޮށްފަ އެވެ.

އިންޓަ މިއާމީއަށް ކުޅެމުން އަންނަ ސްޕެއިންގެ ދެ ތަރިން ކަމަށްވާ ޖޯޑީ އަލަބާ އާއި ސާޖިއޯ ބުސްކެޓް ފުޓްބޯޅަ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ. މި މެޗަށްފަހު އެ ދެ ކުޅުންތެރިންވެސް ވަނީ ފުޓްބޯޅަ ކެރިއަރުން ރިޓެއާ ކޮށްފައެވެ.

އިންޓަ މިއާމީން ފުރަތަމަ ފަހަރަށް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފައިވާއިރު، މީ މެސީގެ ކެރިއަރުގައި 47 ވަނަ ޓްރޮފީ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް