
މިކަމާގުޔޅޭގޮތުން އެފްއޭއެމް (ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށާ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އަހަރުގެ މާރިޗު މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ކަމަށެވެ.
އެ މުބާރާތުގެ ކަލަންޑަރު ސާފްގެ މެންބަރު ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް ބުނެ، އެފްއޭއެމްއިން ބުނީ ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނުމުން އެނގިގެންދަނީ ބައިނަލްއަގުވާމީ ރަނގަޅު ފެންވަރެއްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރުމުގެ ގާބިލުކަން އެފްއޭއެމްގައި ހުރި ކަމަށް ސާފްއިން ގަބޫލުކުރުމާއި، އެ ޖަމުއިއްޔާގެ އިތުބާރު ލިބިފައިވުން ކަމަށެވެ.
މިއީ 2019 ގެ ފަހުން ރާއްޖޭގައި ބާއްވާ އުމުރުފުރާއެއްގެ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތް ކަމަށް ވާއިރު، ސާފްގެ މުބާރާތްތަކުގެ ތެރެއިން ރާއްޖޭގައި މީގެ ކުރިން ބާއްވާފައިވާ މުބާރާތްތަކުގެ ތެރެއިން، ސްރީ ލަންކާއާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފާހަގަކޮށްލެވެއެވެ.




