
އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯގެ ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ ޗުއްޓީއަށް ދިޔުމުގެ ސަބަބުން، އެ ކުންފުނީގެ މުވައްޒަފުން މަދުވފްލައިޓްތައް ކެންސަލް ކުރާތާ ހަ ދުވަސްވެފައިވާއިރު މިއަދުވެސް 200އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނު އިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންކަމަށް ވެއެވެ.
އިންޑިއާއިން އަލަށް އެކުލަވާލި ގަވައިދުގައި ވަނީ ޕައިލެޓުންނަށް ހަފުތާއަކު މަދުވެގެން 48 ގަޑިއިރު އަރާމު ކުރުމަށް ދިނުމާއި، ހަތް ދުވަހުގެ ތެރޭގައި ރޭގަނޑު ތިން ޑިއުޓީއަށް ވުރެ ގިނައިން ޑިއުޓީ ކުރާނަމަ، އަރާމުކުރާ ވަގުތު 60 ގަޑިއިރަށް އިތުރު ކުރަން އަންގައިފައެވެ.
މިކަމާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން 2،000 އަށް ވުރެ ގިނަ ފްލައިޓް އިންޑިގޯއިން ކެންސަލްކޮށްފައި ވާއިރު، އިއްޔެ އެ އެއާލައިނުން ވަނީ 95 ޕަސެންޓް ކަނެކްޓިވިޓީ އަލުން ގާއިމްކޮށްފައި ކަމަށާ، މިއަދު 15،00 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް އިންޑިގޯ އާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މިއަދު ކެންސަލްކުރި ފްލައިޓު ތަކުގެ ފަސިންޖަރުންނަށް މިރޭ އަށެއް ޖެހުމުގެ ކުރިން ރީފަންޑު ދިނުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އިންޑިގޯއަށް އަންގާފައި ވާއިރު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ފަސިންޖަރުންގެ ބެގޭޖް ހޯދައި އެ މީހުންގެ ގެތަކަށް ފޮނުވައި ދިނުމަށް ވެސް އިންޑިގޯއަށް ވަނީ އަންގާފައެވެ.
މި މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް މިހާރު ވަނީ މައްސަލައިގެ ތެރެއަށް ވަދެ، އިންޑިގޯ ކުންފުނީގެ އިސް ވެރިންނާއެކުގައި މަޝްވަރާތައް ފަށާފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.




