
އައްޑޫގެ ފެނަކަ ބްރާންޗުން ބުނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މައި އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ދިމާވެ، މުޅި އިންޖީނުގެ އެއްކޮށް ޑައުން ވުމުގެ ސަބަބުން ކަމަށެވެ.
އަދި އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް، އިންޖީނުގެ ލައިވްކޮށް، ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާ، ނަމަވެސް ކަރަންޓުގެ ހިދުމަތް އަނބުރާ ދެވޭނެ ވަކި ވަގުތެއް ބުނަން ނޭނގޭ ކަމަށް ވެސް އައްޑޫގެ ފެނަކަ ބްރާންޗުން ބުންޏެވެ.
މިދިޔަ މަހުވެސް، މުޅި އައްޑޫ ސިޓީން އެކި ފަހަރު މަތިން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކަރަންޓު ހިދުމަތް މެދުކެނޑި ފްލައިޓްތައް ވެސް ޑިލޭ ކުރަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.
އައްޑުއަށް ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅުގައި ވަނީ މިއަދާ ހަމައަށް އައްޑުއަށް އަށް ޖެންސެޓް ގެންދިޔަ ނަމަވެސް، މުޅިން ހިތްހަމަޖެހޭ ހައްލެއް އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ނުލިބޭ ކަމަށާ، މުޅި އައްޑޫން ގާތްގަނޑަކަށް 16 މެގަވޮޓްގެ ކަރަންޓު ބޭނުންކުރަންޖެހޭއިރު، 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އައްޑޫގައި ގާއިމްކުރުމަށް ބިޔަ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަކިން ކަރަންޓު ފޯރުކޮށްދޭން ޖެހޭނެތީ، އެފަދަ ކަންކަމަށް ބަލައި އައްޑޫގެ ކަރަންޓު މައްސަލަ ވަށައިޖެހޭ ގޮތަކަށް ހައްލުވާން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިހާރު ކުރިއަށް ދަނީ ފަންނީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވިދާޅުވެ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް ބަޔަކާ ހަވާލުކޮށް ޖަނަރޭޓަރުތަކާއި އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު މިކަމާގުޅޭގޮތުން ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު މިދިޔަ މަހު ވިދާޅުވީ، އެ ސިޓީން ކަރަންޓު ކނޑަމުން ދާތާ ދުވަސްތަކެއް ވެފައި ވާއިރު، އެ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ ސަރުކާރުން އެ ސިޓީއަށް ގެނައި ޖެނެރޭޓަރުތަކުން ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ.




