
އާދަމް އާޒިމް އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އޮތީ މާޔޫސްކަމުގެ ރަޖައެއް ލައިގެން ކަމަށާއި އެ ހާލަތުގައި ޕާޓީ އޮއްވައި މޭޔަރުގެ ބައި އިލެކްޝަން ކާމިޔާބުކޮށްދިނީ އޭނާ ނުކުމެ ކަމަށެވެ.
"މި އާދަމް އާޒިމް އަކީ ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮތް ވަގުތު، އެއްކަލަ ރަޖާގަނޑު ދޮށުން ނުކުމެ ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް، ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމެއް،"
އާދަމް އާޒިމް އެފަދައިން ވިދާޅުވާ ވީޑިއޯ ކްލިޕަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ މޭޔަރުކަމުގެ ޕްރައިމަރީގައި ވަކި ފަރާތަކަށް ނުޖެހި ހުރިނަމަވެސް، 2023 އިންތިހާބުން އެމްޑީޕީ ބަލިވުމާ ގުޅިގެން ކަންވީގޮތް ކަމަށް ވިދާޅުވެ އާދަމް އާޒިމް ދެއްކެވި ވާހަކައާ ގުޅިގެން އެ ވާހަކަ ހިއްސާކުރައްވަނީ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަގާވާތަކުން ބަދަލުކުރުމުން އަދި 2013 ރިޔާސީ އިންތިހާބުން ބަލިވުމުން އެމްޑީޕީގެ އާންމު މެންބަރުން އިދިކޮޅުގައި ތިބެ ދެއްކި ހިތްވަރާއި ކުރިމަތިލި އަނިޔާތައް ފާހަގަކޮށް މާރިޔާ ވަނީ އެމްޑީޕީގެ އާންމު މެންބަރުންނަކީ ރަޖާ ލައިގެން ތިބޭނެ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރަށް ނިސްބަތް ކުރައްވާ، އެމްޑީޕީ ރަޖާލައި، ހުން އައިސް ފިލާ ތިއްބާ ނެރުނީ ތިމާ ކަމަށް ވިދާޅުވެ އެ ދެއްކެވި ވާހަކަފުޅަށް، މަނިކުފާނު، އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރުގެ ކިބައިން މައާފަށް އެދި ވަޑައިގަންނަވަން ޖެހޭނެ،" މާރިޔާ ލިޔުއްވާފައިވެއެވެ.
މާރިޔާގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން އަދި ކާކުކަން ނޭނގޭ ގޮތަށް ހިންގާ ގިނަ އެކްސް އެކައުންޓުތަކުން ވެސް މިކަމާ ގުޅިގެން އާދަމް އާޒިމް އަށް ވަނީ ފާޑުކިޔާފައެވެ.




