އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާއަށް ވިލިމާލެއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: އާދަމް އާޒިމް ކެމްޕޭން ޓީމް
އަޅުގަނޑު ވިސްނީ ހިކުމަތްތެރިކަމާއެކު ޚިދުމަތް ކޮށްދިނުމަށް: އާދަމް އާޒިމް
ޖުނާން އަޙުމަދު 13 ޑިސެމްބަރ 2025 (ހޮނިހިރު)   08:55
އަބަދުވެސް މަސައްކަތް ކުރައްވަނީ ހިކުމަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި "ދެން ވެސް އާދަމް އާޒިމް"ގެ ނަމުގައި ރޭ ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، މަގާމަކަށް އިންތިހާބުކޮށްދޭން އެދި، ރައްޔިތުންނަށް ކަންކަން ކޮށްނުދީ އައިސްގެން ނުވާނެކަމަށް ގަބޫލުކުރައްވާ ކަމަށާ، އެގޮތުން ވިލިމާލެއަށް ވެސް އަންނަނީ ރައްޔިތުންނަށް ކަންކަން ކޮށްދީ، އަދި އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށް، ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބެއްލެވުމަށް ކަމަށެވެ.

"އެ ސަރުކާރޭ މި ސަރުކާރޭ ކިޔާ އުޒުރު ދައްކާ މީހުން އުޅޭނެ ވަރަށް. އަޅުގަނޑު އެއްވެސް އުޒުރެއް ނުދައްކަން. އަޅުގަނޑު ވިސްނީ ހިކުމަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން. ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުން ހުރީ އެގޮތަށް މަސައްކަތް ކޮށްދޭން،" އާދަމް އާޒިމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައިވެސް، އެމްޑީޕީގެ މެންބަރުން މާޔޫސްކޮށް ނުލާނެ ކަމަށާ، އަދި އެ ޕާޓީގެ މެންބަރުން މަގުމަތިކޮށް ނުލާނެ ކަމަށް ވިދާޅުވެ ކުރިންވެސް ވިދާޅުވާ ވާހަކަ އާދަމް އާޒިމް ތަކުރާރު ކުރެއްވިއެވެ. 

އާޒިމް ވިދާޅުވީ، ވިސްނުމަކީ އެންމެނާ ގުޅިގެން ރައްޔިތުންނާ ގުޅިގެން ހިދުމަތް ކޮށްދިނުން ކަމަށާ، އެމްޑީޕީގެ މެންބަރުން ހޮވައި ދިނީމާ ޕާޓީގައި ކޮޅުފައިން ޖަހާފައި ދާނެ މީހަކަށް ނުވާނެ ކަމަށް ވިދާޅުވެ އާދަމް އާޒިމް ވިދާޅުވީ، ކިތަންމެ ގަދަ ކަނޑެއްގައި ވެސް އިރާދަކުރެވިއްޔާ ދަތުރުކުރުމަށް އެބޭފުޅާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

އަދި، ރައްޔިތުންގެ ކަންކަން ހައްލުކުރުމަކީ ފަސޭހަ ކަންކަން ކަމުގައި ދެކިގެން ނުވާނެ ކަމަށާ، ލީޑަޝިޕް ރޯލަކީ ފަސޭހަ ރޯލެއް ނޫން ކަމަށް ވިދާޅުވެ، އެ މަގާމުގައި ހުންނައިރު، ފަސޭހަވިޔަސް އުނދަގޫ ވިޔަސް ރައްޔިތުންގެ މަސައްކަތްތައް ކޮށްދޭން ޖެހޭނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމްގެ އިތުރަށް ދެން ވާދަކުރައްވަނީ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެވެ. ދެ ބޭފުޅުން ވެސް މަގާމަށް ވާދަކުރައްވަމުން ވަޑައިގަންނަވާއިރު، އެމްޑީޕީގެ މޭޔަރު ޓިކެޓުގެ ކެމްޕެއިން މިވަނީ ވަރަށް ވެސް ވާދަވެރި އަދި އެހާމެ ފޯރިގަދަވެފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް