
އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައި ވާއިރު، ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ވަނީ އުފުލާފައެވެ. އެކަމަކު ކުށް ސާބިތުވީ ލ. ފޮނަދޫ، ހިޔާ، ހަމްދޫންގެ މައްޗަށް ކަމަށް ވުމުން އޭނާ މަރަން ހުކުމް ކުރީ، އާގިލްގެ ވާރިސުން އޭނާ މަރަން އެދުމުންނެވެ.
ދައުލަތުން އުފުލި މި ދައުވާގައި ބުނެފައިވަނީ ހަމްދޫން ހަމްޒަތު، 31 އޮގަސްޓު 2018 ދުވަހު 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތް ކުރިވަގުތު އެލޯންޗުން ފޭބި ގދ.ފަރެސްމާތޮޑާ ފަރެސްއަވަށް ކޮކާ، އިބްރާހީމް އާގިލުއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާތީއާއި، ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 31 އޮގަސްޓު 2018 ދުވަހު 20:59 އެހައިކަށްހައިއިރު، އިބްރާހީމް އާގިލު ނިޔާވެފައިވާ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމަށްފަހު، މި މައްސަލައިގައި އާގިލުގެ ވާރިސުންކަމުގައިވާ އޭނާގެ މަންމަ އާ ބައްޕަ ގިސާސް ހިފަން ބޭނުންވެފައި ވުމުން، އޭނާ މެރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުކުމް ކުރީ، އާދިއްތަ ދުވަހު އެވެ.
މި މައްސަލައިގައި، އެމްއެމްއޭ ސަރަހައްދުގައި ހަމްދޫނާއި އެހެން މީހަކު އެރޭ ހަރަކާތްތެރިވަމުން ދިޔައިރު، އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ސީސީޓީވީ ފުޓޭޖްތަކުން ސާފުވާ ކަމަށާ، ވަޅި ހިފައިގެން އާގިލް ފަހަތުން އޭނާ ދުވި މަންޒަރާއި، ވަޅިޖެހުމާ އެކު އާގިލް ވެއްޓުނު މަންޒަރާއި، އެވަގުތު ހަމްދޫން މީހެއްގެ ސައިކަލް ފަހަތަށް އަރައިގެން ވިލިނގިލި ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ފެނުން ކަމަށް މި މައްސަލައިގެ ޝަރިއަތުގައި ހެކިވެރިޔަކު ބުނެފައި ވެއެވެ.




