
ފުލުންގެ ބަންދުގައި ބަހައްޓައިގެން މިއަދުގެ މެންދުރު 2:00 އަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އެ ކޯޓުން މިމަހުގެ 25 ވީ ބުރާސްފަތި ދުވަހު ނެރުނީ އެ ދުވަހުގެ ޝަރީއަތަށް ވެސް އޭނާ ނުދިއުމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށެވެ. "މާތް ﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވާ ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވެފައި ވެއެވެ.
އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ފުލުހުން ރޭ މީޑިއާއަށް ފުރަތަމަ ދިން މައުލޫމާތުގައި ބުނީ މަންޑޭ ކޯޓަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"މއ.އެރަލްސީ /މާލެ، ޙަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން"
އަދި އޭގެ ފަހުން ރޭ ބާރަވެސް ޖެހިފަހުން ފުލުހުން ބުނެފައިވަނީ "ކޯޓަށް ހާޒިރުކުރުމަށްޓަކައި ޙަސަން މަމްދޫހު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ކަމަށެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެއެވެ. އަދި ރ.އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެއެވެ.
ކޭ ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި އެވެ. އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން ޖައިޝާން ބަންދުކުރަން ގާޒީ އަމުރު ކުރެއްވި އެވެ.
މަންޑޭ ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.




