
ހުޅުމާލެ ޓްރީހައުސްގައި ރޭ ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ އޭނާ އަކީ ޕާޓީން ގޮވާލާ ކޮންމެ ހިނދެއްގައި އިޖާބަ ދޭނެ މީހެއްކަމަށާއި، މުޒާހަރާއެއް ކުރާނަމަ ވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށެވެ.
"މުޒާހަރާތަކުގައި އެންމެ ކުރީގައި ހުންނާނެ. އަޅުގަނޑު ލޮލަށް ސްޕްރޭ ޖަހާފައި ތިޔަބޭފުޅުންގެ ގަޔަށް ސްޕްރޭ ޖެހޭނީ،" އާދަމް އާޒިމް ވިދާޅުވިއެވެ.
އާދަމް އާޒިމް ވިދާޅުވީ މާލޭ ސިޓީކައުންސިލަށް އޭނާއާއެކު ނުކުންނަވާ ބޭފުޅުން އިންތިހާބުކޮށްފި ނަމަ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މާލޭގެ އެންމެ ގޮނޑިއެއް ވެސް އެހެން ޕާޓީއަކަށް ނުދޭން ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ހުރިހާ ގޮނޑިއެއް އެމްޑީޕީ އަށް ކާމިޔާބު ކުރަން. ހުރިހާ ގޮނޑިއެއް، އަޅުގަނޑުގެ ހުރިހާ މަސައްކަތެއް، ހުރިހާ ވަގުތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށް (ކައުންސިލް) ހޯދައިދޭން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން ތިޔަ ހުރިހާ މެންބަރުންނަށް،" އާދަމް އާޒިމް ވިދާޅުވި އެވެ.
އާދަމް އާޒިމް ވިދާޅުވީ އޭނާއަކީ ޕާޓީގެ މެންބަރުން ބުރަ މަސައްކަތުން މަގާމަކަށް އިންތިހާބު ކުރުމުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އާދަމް އާޒިމްގެ ވިދާޅުވީ ޕްރައިމަރީ އޭނާ ކާމިޔާބު ކުރައްވާނީ، އެއްވެސް މީހެއްގެ "މަހާ ކައްޓާ ކައިގެން ނޫން" ކަމަށާ، އިންތިހާބު ކާމިޔާބު ކުރާނީ އިހްތިރާމާ ލޯތްބާއެކު ބޮޑު ތަފާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިއިލެކްޝަނަކުން މާލޭ މޭޔަރުކަން ކާމިޔާބު ކުރައްވައި ފާއިތުވި ދޮޅުއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެ މުއްދަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާތީ، މިހާރު އެ ވާދަކުރައްވަނީ އެއް ދައުރު ފުރިހަމަ ކޮށްފައި ކަމަށް ބައެއް ބޭފުޅުންނަށް ހީވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާދަމް އާޒިމްގެ ކެމްޕޭނު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ރައީސުންވެސް ވާހަކަ ދެއްކެވިއެވެ. ހުރިހާ ބޭފުޅުންވެސް ފާހަގަ ކުރެއްވީ އާދަމް އާޒިމް އަކީ އެމްޑީޕީ އަށް ވަފާތެރި އަދި ޚިދުމަތްތެރި މޭޔަރެއްގެ ގޮތުގައެވެ.




